މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފުލުހުން ޗެކު ކުރަމުން ދަނީ ފައިސާއާ ގުޅޭ މައްސަލައެއްގައިކަން "ސަން" އަށް އެނގިއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ފުލުހުން އެމްއެމްޕީއާރުސީ ޗެކު ކުރަމުން ދަނީ ގިނަ އަދަދެއްގެ ފައިސާއާ ގުޅޭ މައްސަލައެއްގަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުން ނެވެ.

އެނގިފައިވާ ގޮތުގައި ރޭ ވެސް ފުލުހުން ވަނީ ގިނަ އިރުތަކެއް ވަންދެން އެމްއެމްޕީއަރުސީ އޮފީސް ޗެކު ކޮށްފަ އެވެ.

ޒިޔަތުގެ އިތުރުން އެމްއެމްޕީއާރުސީގެ ބައެއް މުވައްޒަފުންނާ ވެސް ފުލުހުން މިއަދު ސުވާލުކުރިކަން ސަން އަށް ވަނީ އެނގިފަ އެވެ.

ފައިސާއާ ގުޅޭ މައްސަލައެއްގައި ފުލުހުން އެމްއެމްޕީއާރުސީ ޗެކު ކުރަމުންދާއިރު، އެ ކުންފުނީގެ އެމްޑީ ޒިޔަތު ދިރިއުޅުއްވާ، ހ. ހިޔާކޯޅި ވެސް ފުލުހުން ވަނީ ދާދި ފަހުން ޗެކުކޮށްފަ އެވެ. މީގެ އިތުރުން އިއްޔެއާއި މިއަދު ވެސް ފުލުހުން ވަނީ ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރަމުންދާ މައްސަލަ އާއި ފުލުހުން އެމްއެމްޕީއާރުސީ ބަލައި ފާސްކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.