ހދ. ހިރިމަރަދޫ ސްކޫލުގައި ހުރި އިންޑިއާގެ ހެޑްމާސްޓަރަށް އެ ސްކޫލްގެ ބެލެނިވެރިޔަކު ހަމަލަނުދޭ ކަމަށާއި އޭނާ އެގޮތަށް މައްސަލަ ޖެއްސީ އެހެން ރަށަކަށް ބަދަލުވާން ބޭނުންވެގެން ކަމަށް ބުނެ އެރަށުގައި އަޑުފެތުރިއްޖެ އެވެ.

ހިރިމަރަދޫން މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު ބެލެނިވެރިޔަކު އަނިޔާކުރި ކަމަށް ހިރިމަރަދޫ ސްކޫލްގެ ހެޑްމާސްޓަރު ވަނީ ޖެހިގެން އައިދުވަހު ހއ. މޮޅަދޫއަށް ބަދަލުވެފަ އެވެ. އޭނާ އެރަށަށް ބަދަލުވީ، އެ ހަމަލައަށްފަހު ރަށުން ހިމާޔަތެއް ލިބޭނެކަމުގެ ގެރެންޓީއެއް ނެތުމުން ކަމަށް ވިދާޅުވި ނަމަވެސް، ރަށުގެ ބައެއް ރައްޔިތުންނާއި ސްކޫލްގެ ޓީޗަރުން އެކަމުގައި ދެކޭ ގޮތް ތަފާތުކަން ސަން އަށް ވަނީ އެނގިފަ އެވެ.

އެގޮތުން ހިރިމަރަދޫ މީހަކު ބުނީ، އެއީ ހެޑްމާސްޓަރު ރާވައިގެން "ސަރުކާރުގެ ހަރަދުގައި އެހެން ރަށަކަށް ބަދަލުވާން ދެއްކި އުޒުރެއް" ކަމަށެވެ. އަދި އޭނާ ފުރައިގެން ދިޔައީ އެގޮތަށް ކަންތައް ނުކުރެއްވުމަށް ރަށު ކައުންސިލާއި އަދި ސްކޫލް މެނޭޖުމަންޓުން ވެސް ނުދިއުމަށް ވަރަށް ބޮޑަށް އާދޭސްކުރަމުން ދަނިކޮށް ކަމަށާއި އެއީ އޭނާ މާކުރިންސުރެ ރާވައިފައި އޮތް ގޮތް ކަމަށެވެ.

"ސްކޫލްގެ ޓީޗަރުންވެސް އެބަބުނޭ އޭނަ މޮޅަދޫއަކީ ކޮންކަހަލަތަނެއްތޯ ބަލަން އެކަން ހިނގުމުގެ)ހަމަލަދިނުމުގެ( މާކުރިން އެހިއޭ. އަނެއްކޮޅުން ހަމަ އެކަން ހިނގި ދުވަހު ކަހަލަ ގޮތަކަށް އޭނަ ބުނެފި ނުހުންނާނަމޭ ފުރައިގެނޭ ދާނީ. އެހެންކިޔައިފަ ހަމަ އޭގެ އަނެއްދުވަހު ފުރައިގެން ދިޔައީ. އެހަމަ އުޒުރެއްދައްކައިފަ ފުރައިގެން ދިޔައީއޭ ބުނެވޭނީ،" ނަން ނުޖެހުމަށް އުޒުރުވެރިވެ އޭނާ ކިޔައިދިނެވެ.

އަދި އެކަން ހަމަޖައްސައިދީފައިވަނީ ސަރުކާރުގެ ޚަރަދުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ހިރިމަރަދޫ ސްކޫލްގެ ޓީޗަރަކު ބުނީ، ހެޑްމާސްޓަރަށް ހަމަލަދިން ކަމަށް ބުނާ ވަގުތު އެހެން މީހުންވެސް ސްކޫލްގައި އުޅުނު ކަމަށާއި ނަމަވެސް، އެއިން އެކަކަށްވެސް އެ މަންޒަރު ފެނިފައިނުވާ ކަމަށެވެ. އަދި އެރަށުން ފުރަން ހެޑްމާސްޓަރު ބޭނުންވާކަން ކުރިއްސުރެ ޓީޗަރުންނަށް އޮތީ އެނގިފަ ކަމަށް ވެސް ބުންޏެވެ.

އަދި ހެޑްމާސްޓަރަށް ދިން އެ ހަމަލައިގައި އޭނާގެ އަނގަމަތި ފަޅާލައިފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން މައުލޫމާތު ދިން އިތުރު ފަރާތަކުން ބުނީ، ހެޑްމާސްޓަރުގެ އަނގައިގަ ފޮޅު ނަގައި މައްސަލަ ސްކޫލް މީހުންނަށް ވެސް އެނގޭކަމަށެވެ. އަދި ޒަޚަމެއް ކަމަށް ބުނެ އޭނާ ދައްކަނީ އެއިން ފޮޅެއް ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.

އަދި ބޭރު މީހުން އެފަދަ އުޒުރުތައް ދައްކާއިރު، ސަރުކާރުން އެ މައްސަލަ ސީރިއަސްކޮށް ބަލަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. "މިހާރު އަސްލު އުޒުރު ދައްކައިގެން ސަރުކާރު ޚަރަދުގައިވިއްޔާ ދާން ބޭނުންވާނީ. މީގެ ސަބަބުން ކުށެއް ނެތް މީހުންނަށް ގެއްލުން މިލިބެނީ،" އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހަމަލަދިން ކަމަށް ބުނާ ބެލެނިވެރިޔާ ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ، އޭނާ ހަމަލަދިނީ އެ ސްކޫލްގައި ކިޔަވާ އޭނާގެ ދަރިފުޅާމެދު ސްކޫލުން އެޅި ފިޔަވަޅެއްގެ ސަބަބުން ހިތްހަމަނުޖެހިން ކަމަށެވެ.

ނަމަވެސް، އޭނާގެ އާއިލާ ފަރާތުން ބުނެފައިވަނީ، އެކުއްޖާގެ ބައްޕަ ސްކޫލަށް ދިޔައީ ދަރިފުޅާމެދު އެޅި ފިޔަވަޅު ބަދަލުކުރެވޭނެ ގޮތެއް އޮތްތޯ ބަލުމަށް ވާހަކަދެއްކުމަށް ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.