ނިއުދިއްލީ (އޮކްޓޯބަރު 19): އިންޑިއާގެ ފަގީރު އާއިލާތަކަށް ކާބޯތަކެތީގެ ގޮތުން އެހީވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓް ކުޑަކަމުން އިންޑިއާގެ ކުޑަކުދިންނާއި އަދި އަންހެނުންނާ ބެހޭ ވަޒީރު މަނިކާ ގާންދީ އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި މަނިކާ ގާންދީ ވިދާޅުވީ، އިންޑިއާގެ ފަގީރު އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް އެކަށީގެންވާ މިންވަރާ ގާތަށްވެސް ކާބޯތަކެތި ނުލިބޭތީ އެ އާއިލާތަކުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި އަދި މުސްކުޅިން ހިމެނޭގޮތަށް 100 މިލިޔަނަށްވުރެ ގިނަ މީހުންނަށް ސަރުކާރުން ކާންބޯންދޭ ކަމުގައެވެ. މިކަމަށްޓަކައި 2.7 މިލިޔަން މުވައްޒަފުން ލައްވާފައިތިބޭއިރު އެމީހުންނަށް މުސާރަދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ތިންބައިކުޅަ ދެބައި ބޮޑުވަޒީރު ނަރަންދުރަ މޯދީގެ އަމުރަށްވަނީ އުނިކޮށްފައެވެ.

އެހެންކަމުން ފަގީރު އާއިލާތަކުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި އަދި މުސްކުޅިންނަށް ކާންބޯން ދިނުމަށް މައި ސަރުކާރުން ހިންގާ ޕްރޮގްރާމް އަންނަ އަހަރު ރަނގަނޅަށް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި މިކަމުގެ ސަބަބުން މީގެތެރެއިން ގިނަބަޔަކަށް ހައިހޫނުކަން ކުރިމަތިވުމަކީ އެކަށީގެންވާކަމެއްކަމަށް މަނިކާ ގާންދީ ވިދާޅުވިއެވެ.

އިންޑިއާގެ މައި ސަރުކާރުގެ ވަޒީރަކު އެގައުމުގެ ބޮޑުވަޒީރަށް މީޑިޔާގައި ފާޑުކިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް މަނިކާ ގާންދީމިވަނީ މޯދީއަށް ފާޅުގައި އަދި ބައިނަލްއަގްވާމީ މީޑިޔާގައި ފާޑު ވިދާޅުވެފައެވެ. އިންޑިއާއަކީ ދުނިޔެއަށް ބަލާއިރުވެސް އެންމެ ފަގީރުން ގިނަ ގައުމެވެ.

އިންޑިއާއަށްވުރެ މާ ވަސީލަތްތައް މަދު ޗައިނާއިން ފަގީރުކަމުގެ ނިސްބަތް 15 އިންސައްތައަށް ކުޑަކޮށްފައިވާއިރު އިންޑިއާގެ 40 އިންސައްތަ މީހުންނަކީ ފަގީރުންނެވެ. އަދި މީގެތެރެއިން 20 އިންސައްތަ މީހުންނަކީ ސަރުކާރުން ދޭ ކާބޯތަކެތީގެ އެހީގައި ދިރިއުޅޭ ވަރަށްބޮޑަށް ފަގީރު މީހުންނެވެ. އިންޑިއާއިން ފަގީރުކަން ކުޑަނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ކޮރަޕްޝަން ހައްދު ފަހަނަޅައި ދިޔުމާއި އިދާރީ ހިނގުން ދޯދިޔާ ވުން ހިމެނެއެވެ.

އިންޑިއާގެ އާބާދީގެ 50 އިންސައްތައަކީ އާންމު ތައުލީމާއި ސިއްޙީ ފަރުވާއާއި ސާފު ބޯފެނާއި ގެދޮރާއި ފާޚާނާގެ ނިޒާމުން މަހްރޫމް ވެފައިވާ މީހުންނެވެ. އެހެންކަމުން އިންޑިއާގެ ގިނަ ބަޔަކު އަދިވެސް ބޮޑުވަނީ ތައުލީމާއި ސިއްޙީ ފަރުވާ ނުލިބިއެވެ. (ރޮއިޓާސް)