މެނީލާ (އޮކްޓޯބަރ 19): ކޮއްޕުގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން ފިލިޕީންސަށް އަރައި އެގައުމުގެ އިރު އުތުރުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފިލިޕީންސްގެ ޑިޒާސްޓަރ މެނޭޖްމަންޓް ބުނާގޮތުން ތޫފާންގެ ސަބަބުން އެގައުމުގެ އިރު އުތުރުގެ އެތަށް ސަރަހައްދެއްގައި ފެންބޮޑުވެ ކަރަންޓާއި މުވާސަލާތުގެ ޚިދްމަތްތައް ކެނޑި އެތަށް ހާސްބަޔަކު ވަނީ ޙާލުގައިޖެހިފައެވެ. އަދި މި ތޫފާންގައި 2 މީހުން މަރުވިކަން ކަށަވަރުވެފައިވާއިރު އެތަށްބަޔަކު ޒަޚަމްވެ ބައެއްމީހުން ގެއްލިފައިވެސްވެއެވެ.

މިއީ މިއަހަރު ތެރޭގައި ފިލިޕީންސަށްއެރި އެންމެ ބާރުގަދަ ތޫފާންކަމަށްވެއެވެ. މިތޫފާންގައި ގަޑިއަކު ދުއިސައްތަ ކިލޯމީޓަރުގެ ބާރުމިނުގެ ވަޔާއެކު ބޯކޮށް ވާރޭވެހިފައިވެއެވެ.

މި ތޫފާންގެ ގެއްލުންތައް ފިލިޕީންސްގެ އިރު އުތުރުގެ ސަރަހައްދުތަކުން ފެށިގެން ދެކުނުގެ ސަރަހައްދުތަކަށް ކޮށްފައިވާއިރު ވެރިރަށް މެނީލާއަށް މިކަމުގެ މާބޮޑު އަސަރެއް ނުކުރެއެވެ.

ތޫފާންގެ ވައި މިހާރު މަޑުވެފައިވީނަމަވެސް އަދިވެސް ވާރޭ ވެހޭކަމަށްވެއެވެ. މި ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ އަދަދު ހަތް މިލިޔަނަށް އަރާނެކަމަށް އަންދާޒާ ކުރެވޭކަމަށް ފިލިޕީންސްގެ ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ. ފިލިޕީންސަކީ ވަރަށް ގިނައިން ތޫފާންތައް އަރާގައުމެކެވެ. (ރޮއިޓާސް)