19 Oct 2015, 18:59
ގައުމީ އެއާލައިން މޯލްޑިވިއަންއިން އުފުލާ ފަސިންޖަރުންގެ 60 ޕަސެންޓަކީ ޓޫރިސްޓުން ކަމަށް އެކުންފުނިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އިއްޔެ ވިދާޅުވީ މޯލްޑިވިއަންއިން ދަތުރުތައް ފެށިއިރު އުފުލާ ފަސިންޖަރުންގެ 25 ޕަސެންޓަކީ ޓޫރިސްޓުން ކަމަށްވާއިރު މިހާރު އުފުލާ ފަސިންޖަރުންގެ 60 ޕަސެންޓަކީ ޓޫރިސްޓުން ކަމަށެވެ.
"ޓޫރިސްޓުން ގިނަވާވަރަކަށް އަޅުގަނޑުމެން ދަތުރުތައް އެފިޝަންސީ އިތުރުވެގެން އެބަދޭ. އެއީ އެމީހުން ދަތުރުކުރާއިރު އަޅުގަނޑުމެންނަށް ވަކިގޮތަކަށް ވަކި ޝެޑިއުލަންއަކަށް ދަތުރުތައް ކުރަން މިޖެހެނީ،" ހާރިސް ވިދާޅުވިއެވެ.
ޓޫރިސްޓުން ދަތުރުކުރާ މިންވަރު އިތުރުވުމުން ދިވެހިންނަށް ދަތުރުކުރަން ފަސޭހަ ތަކެއްވާ ކަމަށާއި އެގޮތުން މީގެ ފަސް އަހަރު ކުރިން ދުވާލަކު އެއް ދަތުރު ކުރާ މަންޒިލްތަކަށް މިހާރު ފަސް ދަތުރު ކޮންމެ ދުވަހަކު ބާއްވާ ކަމަށް ހާރިސް ވިދާޅުވިއެވެ.
ޓޫރިޒަމް ފުޅާ ކުރާނަމަ އެތަނަކަށް މަތިންދާ ބޯޓް ދާންޖެހޭ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާކުރުމަށް މިހާރަށްވުރެ ރޯލް ފުޅާކުރުމަށް ސަރުކާރުން ވަނީ އަންގާފައިކަމަށް ހާރިސް ވިދާޅުވިއެވެ.
ވައިގެ ދަތުރުފަތުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މޯލްޑިވިއަންއިން އިއްޔެ ވަނީ އެކުންފުންޏަށް 16 ވަނަ މަތިންދާ ބޯޓް ގެނެސްފައެވެ. އަލަށް ގެނައި ބޯޓާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އަދަދު 16 އަށް އަރާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އެއާބަސް A320 ބޯޓަކާއި އެއާބަސް A321 ބޯޓަކާއި އަށް ޑޭޝް8 މަތިންދާ ބޯޓާއި ހަ ޓުވިން އޯޓާ ބޯޓެވެ. އެ ބޯޓުތަކުގެ ތެރޭގައި އަށް ބޯޓަކީ 50 ގޮނޑީގެ ބޯޓުފަހަރެވެ.