19 Oct 2015, 18:32
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކާއި އެ ކޮމެޓީގެ ނައިބު މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދި މިއަދު އޮތް ކޮމެޓީ ބައްދަލުވުން ހުއްޓިއްޖެ އެވެ.
މިއަދު ހަވީރު އޮތް ކޮމެޓީ ބައްދަލުވުމުގެ އެޖެންޑާ އޮތީ ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމާއި އޮޑިޓާ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމެވެ.
ކޮމެޓީގެ ބައްދަލުވުން މިއަދު ހަވީރު 4:00ގައި ފެށިގެން ދިޔައިރު ސަރުކާރާއި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މުޅި ޖުމުލަ ހަ މެމްބަރަކު ތިއްބެވި އެވެ. އޭގެތެރެއިން އެއް މެމްބަރަކީ ކޮމެޓީގެ މުގައްރިރު ނިހާނު އެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއެކު ކޮމެޓީ ފެށި ވަގުތު މުގައްރިރު ނުލައި 10 މެމްބަރުން ތިއްބެވި އެވެ.
ކޮމެޓީ ފަށައިގެން ކުޑައިރުކޮޅެއްވި ތަނާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ބޭރަށް ނުކުތް މަންޒަރު ފެނުނެވެ. އަދި ކޮމެޓީގެ ނައިބު މުގައްރިރު އާމިރު ވެސް ކޮމެޓީ ބައްދަލުވުން ދޫކޮށް ވަޑައިގެން މަންޒަރު އެވަގުތު ކޮމެޓީގައި އިން "ސަން" ގެ ނޫސްވެރިޔާ އަށް ފެނުނެވެ.
ދެވަނަ ފަހަރަށް ޓޮމް ކޮމެޓީއަށް ވަޑައިގެން ނުކުމެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި "ވޯޓަށް އަހަންށޭ މިއުޅެނީ މަޑުކޮށްލަބަލަ" މިހެން ނިހާނު ވިދާޅުވި އެވެ. އަދި ޖަވާބުގައި "ލީޑަރު މިތަނުގައި ނެތަސް ވެސް ވޯޓަށް އަހަނީއެއް ނޫންހޭ" ޓޮމް ވިދާޅުވި އެވެ.
ކޮމެޓީގެ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނިހާނު ދިޔައީ އެއްވެސް ހުސް ވަގުތު ކޮޅެއް ނެތި ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވަމުންނެވެ. މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ހުސްވަގުތުކޮޅެއް ނެގުމަށް އެދުމުން ވެސް ނިހާނު ވިދާޅުވީ، ހުސް ވަގުތުކޮޅެއް ނަންގަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ކޮމެޓީގައި މިއަދަށް ކުރަން ހުރި މަސައްކަތްތައް ނިންމާލަން ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކަށް މެމްބަރަކު ވާހަކަފުޅުދައްކަވަމުން ދަނިކޮށް ދެން ފެނުނީ، ކޮމެޓީގެ ނައިބު މުގައްރިރަށް ގުޅައި ކޮމެޓީއަށް ވަޑައިގެން ދެެއްވުމަށް އެދި ނިހާނު އިދާރީ މޭޒުގައި ވިދާޅުވި މަންޒަރެވެ. އަދި ކޮމެޓީގެ މެމްބަރު ވިލުފުށި ދާއިރާގެ ރިޔާޒު ރަޝީދުގެ އަރިހުން ވެސް އާމިރަށް ގުޅައިދެއްވުމަށް އެދުނު މަންޒަރު ފެނިގެން ދިޔަ އެވެ.
ކުޑަވަގުތުކޮޅަކަށްފަހު އާމިރު ކޮމެޓީއަށް ވަޑައިގަތުމުން ނިހާނާއި ދެބޭފުޅުން ދެބަސްވި މަންޒަރު ފެނުނެވެ. އަދި އެވަގުތު ކޮމެޓީގައިި ވާހަކަފުޅުދައްކަވަމުން ދިޔަ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާގެ އަރިހުން ވާހަކަދެއްކެވުން މެދުކަނޑާލެއްވުމަށް ނިހާނު އެދިވަޑައިގަތެވެ. އަދި ކޮމެޓީގައި ތިބި މީޑިއާގެ ބޭފުޅުން ކުޑަވަގުތު ކޮޅަކަށް ބޭރަށް ނުކުތުމަށް ވެސް ނިހާނު އެދިވަޑައިގަތެވެ.
"ރިޔާސަތުން އަންގާލަންދެން މީޑިއާ ބޭރުގައި މަޑުކޮށްލަދެއްވާ. އެނބުރި އަންނަންވީމަ ރިޔާސަތުން އަންގާލާނަން،" ނިހާނު ވިދާޅުވި އެވެ.
މީޑިއާ ބޭރަށް ނުކުތުމާއެކު ދެން އިވިގެން ދިޔައީ މެމްބަރުން ޒުވާބު ކުރާ އަޑެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ ކޮމެޓީގެ މުގައްރިރު ކޮމެޓީ ކޮޓަރި ދޫކުރައްވައި ނުކުމެވަޑައިގެން މަންޒަރު ފެނުނެވެ. އަދި އެމަނިކުފާނާ އެކީ އެވަގުތު ކޮމެޓީގައި ތިއްބެވި ޕީޕީއެމް މެމްބަރުން ވެސް ނުކުމެވަޑައިގަތެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުން ނިންމާލެއްވީ ކޮމެޓީއަށް މިއަދު އެޖެންޑާ ކޮށްފައިވާ ބައެއް މައްސަލަތަކަށް ގޮތެއް ނުނިމެނީހެވެ. އަދި ދެން ކޮމެޓީއެއް ބާއްވާނެ ތާރީހެއް ވެސް ނޭނގެ އެވެ.