19 Oct 2015, 18:06
ރާއްޖެއަށް އެތެރެކުރާން އުޅުނު 2.5 ކިލޯގްރާމުގެ ކޮކެއިންއާ އެކު ތައިލޭންޑް އަންހެނަކު ހައްޔަރުކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ އަންހެންމީހާ ހައްޔަރުކޮށްފައި ވަނީ މިމަހު ނުވަވަނަ ދުވަހު ކަމަށެވެ.
އެ އަންހެންމީހާ އަކީ ބްރެޒިލުން، ދޯހާ މަގުން ރާއްޖެއަށް އައިސްފައިވާ މީހެއްކަމަށް ޝިފާން ވިދާޅުވި އެވެ. އަދި އޭނާ އަތުން ފެނުނު ތަކެއްޗަކީ އެކި ގައުމުތަކަށް ބަހާލައިގެން ޑެލިވާކުރަން ތައްޔާރުކޮށްފައިވާ ޕެކޭޖެއް ކަމަށް ޝިފާން ވިދާޅުވި އެވެ.
"މިއީ ވަރަށް އަގުބޮޑު ވައްތަރެއް. ރާއްޖޭގައި މީގެ ޑިމާންޑް އެހާ ބޮޑެއްވެސް ނުވާނެ. މިތަކެތި ވަނީ އެކި ގައުމުތަކަށް ބަހާލަން ތައްޔާރުކޮށްފައި،" ޝިފާން ވިދާޅުވި އެވެ.
އެ އަންހެންމީހާ ހިމެނޭ ނެޓްވޯކަކީ މީގެކުރިން ވެސް ފުލުހުން އެމީހުންގެ އަމަލުތައް ބަލަމުން އަންނަ ނެޓްވޯކެއް ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އެގޮތުން ތައިލޭންޑުގެ ސަލާމަތާބެހޭ ފަރާތްތަކާ ގުޅިގެން، އެ މައްސަލައާ ގުޅުހުންހުރި ޕާކިސްތާނަށް ނިސްބަތްވާ ދެމީހަކު ނައިޖީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ކުރުން މަދުކުރުމަށް ކަސްޓަމްސްއާއި ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންތައް ކާމިޔާބު ކަމަށެވެ.