މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ފުލުހުންގެ އެންގުމަށް މިއަދު 2:30 އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ޒިޔަތު އެނބުރި ވަޑައިގަތީ ހަވީރު 5:00 ގައެވެ.

ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކުރުމުން އެ މައްސަލަ ކަވަރު ކުރުމަށް އެ ސަރަހައްދަށް ދިޔަ ނޫސްވެރިން މިއަދުވެސް ފުލުހުން ވަނީ ފޮނުވާލައިފައެވެ.

އެސްއޯ ފުލުހުން ބުނީ ޒިޔަތު ފުލުސް އޮފީހުގައި ހުންނަ ވަގުތުގައި އެއްވެސް ނޫސްވެރިއަކަށް އެސަރައްދުން ނުދެވޭނެ ކަމަށާއި އެއްވެސް ކަމެއްގައި ނޫސްވެރިއަކު އެ ސަރައްދުން ހިނގުމަކީ މަނާކަމެއް ކަމަށެވެ. އެހެންނަމަވެސް ބިދޭސީންނާއި އާންމު ފަރާތްތަކަށް އެ ސަރަހައްދަށް ދެވޭނެ ކަމަށް އެސްއޯ ފުލުހުން ވަނީ ބުނެފަ އެވެ.

އިއްޔެ ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގެއަށް ވަޑައިގަންނަވަނީ. އޭނާ ވަނީ މިއަދުވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި -- ސަން ފޮޓޯ

ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކުރުމުން އެ މައްސަލަ ކަވަރު ކުރުމަށް މީޑިއާއަށް ހުރަސްތައް ކުރިމަތި ކުރުވަނީ ކީއްވެ ކަމެއް ފުލުހުން ނުބުނެއެވެ.

އިއްޔެ ވެސް ފުލުހުން ވަނީ ޒިޔަތު ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގު ކުރިއަށްދާތީ އެއީ ކޮން މައްސަލައެއްކަން ހާމަކުރެވެން ނެތް ކަމަށެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފައެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށްފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފައެވެ.

އެމްއެމްޕީއާރްސީގެ އޮފީސް ވެސް ހޮނިހިރު ދުވަހުގެ ރޭ ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފައެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެއެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވާކަމަށެވެ.