ރިޔާސީ ލޯންޗުކޮޅަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ދިން ހަމަލާއަކީ މުޅި ދައުލަތަށް ދިން "ޓެރަރިސްޓު" ހަމަލާއެއް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހަބަރުތެރެއިން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ ރައީސް ޔާމީންގެ ދެކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަނިކޮށް ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުކޮޅުގައި ބާރުގަދަ އެއްޗެއް ގޮއްވާލި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނެ ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނަކީ ވަކި ޕާޓީއަކަށް ވަކި ސަރުކާރަކަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް މިވަގުތު ރައީސް ޔާމީނަކީ މުޅި ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމަށް އަނިލް ވިދާޅުވި އެވެ. ބަންޑާރަ ނައިބު ވިދާޅުވީ، އެފަދަ މުހިއްމު ބޭފުޅަކަށް އެވަރުގެ ނުރައްކާތެރި ހަމަލާއެއް ދެވިގެން ދިއުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމެއް ކަމަށެވެ.

"އެހެންވީމަ މިކަމަކީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ނަގައިގެން އެކަމުގެ އެންމެ ފުންމިނަށް ގޮސް ބަލައި ތަހުގީގު ކުރަންޖެހޭ ކަމެއް. މިފަދަ ހާދިސާއެއް ހިނގައިދިއުމުން އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ މިނިވަންކަމާ އެކީގައި ވަރަށް ތަފުސީލީ ތަހުގީގެއް ކުރިއަށް ގެންދިއުން. އަޅުގަނޑު ގަބޫލުކުރަނީ މިހާރު އެ ތަހުގީގު ކުރިއަށް އެ ދަނީއޭ. މާ ގިނަ މައުލޫލާތުތަކެއް އަޅުގަނޑުމެންނާއި ހަމައަށް ނައި ކަމުގައި ވިއަސް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ އެ ތަހުގީގު އެ ހިންގަވަނީ ރާއްޖޭގައި ހުރި އެކަމަށް އެންމެ ގާބިލު މީހުންގެ ދަށުން،" އަނިލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އަނިލް ވިދާޅުވީ، އެ ހާދިސާ ހިނގައިދިޔަ ގޮތަށް ބަލާއިރު އެއީ އާދައިގެ ހަމަލާއެއް ނޫން ކަމަށެވެ. ރިޔާސީ ލޯންޗުކޮޅަކީ ސަލާމަތީ ބާރުތަކުގެ ދަށުގައި އޮންނަ ލޯންޗުކޮޅެއް ކަމުން އެކަމުގައި އިތުރަށް ވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި މައްސަލަ ވަރަށް ތަފުސީލުކޮށް މި މައްސަލައިގެ ފުން މިނަށް ދެވުމަށްޓަކައި ވަރަށް ތަފުސީލީ ތަހުގީގެއް ކުރިއަށް ގެންދަންޖެހޭ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި ވަނީ ހައްޖުގެ އަޅުކަމަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު، ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލެ ވަޑައިގަތުމަށް ލޯންޗުކޮޅު އިއްޒުންދީން ފާލަމާއި ކައިރިކުރަނިކޮށެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސަށް ގެއްލުމެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މައިބަދައާ ގުޅުން ހުރި ކަށިތަކަކަށް ވަނީ ގެއްލުން ވެފައެވެ. އަދި ރައީސްގެ ޕްރޮޓްކޯލް ހެޑް، ފާތުމަތު ސޯލިހާއި، ބޮޑީގާޑު އަބްދުއްނާސިރަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.