19 Oct 2015, 17:35
މިހާތަނަށް އައިއިރު ރާއްޖެއިން ފެނިފައިނުވާ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުން އަތުލައިގެންފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، "ފްލައްކާ ޑްރަގްސް"ގެ ނަމުން ނަންދީފައިވާ އެ ބާވަތް އަތުލައިގެންފައި ވަނީ އެއާޕޯޓުން އެތެރެކުރަން އުޅެނިކޮށް، ފާރަގެމައިގެ އެހީގައި ކަމަށެވެ.
އެތަކެތި އަތުލައިގަތީ ބަންގްލަދޭޝް އިން ސްރީލަންކާ މަގުން ރާއްޖެއަށް އައިސްފައިވާ ބަންގްލަދޭޝް މީހެއްގެ ދަބަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސުގައި ޝިފާން މައުލޫމާތުދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބަނގުލަދޭޝް މީހާގެ އަތުން ފެނިފައި ވަނީ "ފްލައްކާ ޑްރަގްސް"ގެ 200 ގްރާމެވެ. އޭގެ ނުރައްކާތެރިކަމުން އެމެރިކާ ހިސާބުގައި އެއަށް ކިޔައިއުޅެނީ "ޒޮމްބީ" އެވެ. އެ ޑްރަގް ބޭނުންކުރުމުން ކަށިތައް ފީވުމާއި، ޑްރަގްގެ އެހެން ބާވަތްތަކާ ޚިލާފަށް އެއަށް އޯވަޑޯސް ވެއްޖެނަމަ ފުރާނައަށް ނުރައްކާވާކަމަށް ޝިފާން ވިދާޅުވި އެވެ.
"ކްރިސްޓަލް މެތްސް ނުވަތަ ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ މަސްތުވާތަކެއްޗަކީ މީގެ ސަބަބުން އިންސާނާއަށް ވަރަށް ގެއްލުންދެނިވި އަސަރުތަކެއް ކުރުވާ އެއްޗެއް،" ޝިފާން ވިދާޅުވި އެވެ.
އޭގެ އިތުރުން 2.5 ކިލޯގްރާމްގެ ކޮކެއިންއާ އެއްކޮށް ތައިލޭންޑުގެ އަންހެނަކު މިމަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކޮށްފައިވާނެ ކަމަށާއި އެއީ ބްރެޒިލުން، ދޯހާ މަގުން ރާއްޖެއަށް އައިސްފައިވާ އަދި، އެކި ގައުމުތަކަށް ބަހާލައިގެން ޑެލިވާކުރަން ތައްޔާރުކޮށްފައިވާ މަސްތުވާތަކެތީގެ ޕެކޭޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތައިލޭންޑް މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި ---- ފޮޓޯ ޕޮލިސް
ތައިލެންޑު މީހުންނަކީ މީގެކުރިން ވެސް ފުލުހުން އެމީހުންގެ އަމަލުތައް ބަލަމުން އަންނަ ނެޓްވޯކެއް ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ތައިލޭންޑުގެ ސަލާމަތާބެހޭ ފަރާތްތަކާ ގުޅިގެން، އެ މައްސަލައާ ގުޅުހުންހުރި ޕާކިސްތާނަށް ނިސްބަތްވާ ދެމީހަކު ނައިޖީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.