30 Mar 2011, 09:20
ލަންޑަން : ލީބިޔާގެ މުސްތަޤްބަލާބެހޭ ޚާއްސަ މަހާސިންތާއެއް ލަންޑަންގައި އިއްޔެ ފަށައިފިއެވެ. މިމަހާސިންތާގައި ބައިވެރިވި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ޤައުމުތަކުގެ ޢަދަދު 40 އަށް މަތިކަމަށް ޚަބަރުލިބެއެެވެ.
މިމަހާސިންތާގައި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންއާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއާއި ދުނިޔޭގެ އެތަށް ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި އެފެންވަރުގެ އިސްމަސްއޫލުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
މިބައްދަލުވުމުގައި ބައިވެރިވި ޤައުމުތައްވަނީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިންތިޤާލީ މަޖިލީހަށް ވަރަށް ހޫނު މަރްހަބާއެއްކިޔާފައެވެ. މި މަޖިލީހުގެ އިސްމަސްއޫލުވެރިން މިމަހާސިންތާގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި މަހާސިންތާގެ ކުރިން ނެރުނު ބަޔާނެއްގައި ލީބިޔާގެ އިންތިޤާލީ މަޖިލީހުންވަނީ ގައްޒާފީގެ ވެރިކަން ވައްޓާލެވުމާއެކު ލިބިޔާގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ވަޢްދުވެފައެވެ.
ލީބިޔާއާބެހޭ ގޮތުން ލަންޑަންގައި އިއްޔެ ފެށުނު މަހާސިންތާގައި ވާހަކަ ދެއްކެވި ފަރާތްތައްވަނީ ލީބިޔާގެ ވަތަނީ އެއްްބައިވަންތަކަމާއި ވަޙްދަތު ދެމެހެއްޓުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ލީބިޔާއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށްޓަކައި އިންތިޤާލީ މަޖިލީހާއި ލީބިޔާގެ ޤަބީލާތައް ސިޔާސީ މަޝްވަރާތައް އަވަހަށް ފެށުމަށް ގޮވާލިއެވެ.
\ގައްޒާފީގެ 40 އަހަރުވީ ޚުދުމުޚްތާރު ނިޒާމް ވައްޓާލުމަށްޓަކައި ލީބިޔާގެ ރައްޔިތުން ގެންދަނީ ގައްޒާފީގެ ބާރުތަކާދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އަދި ހުޅަނގުގެ ބާރުތައް ގެންދަނީ ގައްޒާފީގެ ބާރުތައް ބަލިކުރުމަށްޓަކައި ވައިގެމަގުން ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. -- ބީބީސީ، އަލްޖަޒީރާ