މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ދަތުރުކުރެއްވި ރިޔާސީ ލޯންޗަށް ދިން ހަމަލާއަކީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ތާރިގު ވިދާޅުވީ އަމާންކަމެއް ނެތުމުގެ ސަބަބުން ރާއްޖެއަށް މީހުން ނާންނަނަމަ ހުރިހާ އެންމެންނަށް ވެސް އެކަމުގެ ދަތިކަން ކުރިމަތިވާނެ ކަމަށެވެ.

"...ޓުއަރިޒަމްގެ ސިނާއަތް ކުޑަކޮށްވެސް ހީނަރުވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް މިއަދު ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ. އެހެންވީމާ މިކަމަކީ ވަރަށް ވަރަށް ބައިވަރު ކަންތައްތަކަށް، މިދެންނެވީ ބޮން ގޮއްވައިލުމުގެ ނޫނީ މި ލޯންޗްކޮޅު ގޮއްވައިލުމުގެ ސަބަބުން ރައީސްގެ އަނބިކަނބަލުންނަށް ރައީސަށް މިދިމާވީ ހާދިސާގެ ސަބަބުން އެއީ ހަމަ ދިވެހި އުއްމަތަށް ނޫނީ ދިވެހިންގެ އެންމެ ރައްޔިތުންނަށް، އިގުތިސާދަށް ލިބިގެން ދިޔަ ހަމަ ވަރަށް ބޮޑު ގޮން ޖެހުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ލޯންޗުގައި އެއްޗެއް ގޮއްވައިލުމުގައި ޝާމިލްވާ މީހުން ހޯދައި އަދަބު ދިނުމުގައި ހުރިހާ އެންމެން ވެސް އެއްބާރުލާން ޖެހޭ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ. އެގޮތުން ގޭގޭ ފާސްކުރަން އައިމާ އެކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"...އެއްވެސް ކަމަކާ ހުރެ އަޅުގަނޑުމެންގެ ގެ ބަލަން އައިސްފި ނަމަ އަޅުގަނޑުމެން އެބަޖެހޭ މަރުހަބާ ކިޔަން، ދައްކަން އެބަޖެހޭ. އެއީ އަޅުގަނޑުމެން އެބަޖެހޭ އެކަމުން ބަރީއަވާން. މިއަދު މިއީ ހަލަބޮލިކޮށްލަން އުޅެންވީ ވަގުތެއް ނޫންކަން އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވިއެވެ.