19 Oct 2015, 16:46
ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓްގެ މަޝްވަރާ މިއަހަރު ފަހުކޮޅު ފަށާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިންވެސްޓްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ވިޔަފާރީގެ މާހައުލު ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑްމެންޓް އެގްރިމެންޓަކީ އެ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި ވިޔަފާރިތަކަށް އާ މާކެޓްތައް ހުޅުވުމަށް ވެސް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި އިންވެސްޓްކުރަންވީ ވަގުތު
ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ވަނީ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދާފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި މީގެ ކުރިން ނާންނަ ވަރަށް އިންވެސްޓްމެންޓް ރާއްޖެ އަންނަމުންދާ ކަން ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ " މިއީ ރާއްޖޭގައި އިންވެސްޓްކުރަންވީ ވަގުތުކަމަށެވެ."
އަދި އިގްތިސާދީ ތަރައްގީގެ ތެރެއިން ގައުމު ތަރައްގީކުރާ ލީޑަރު ހުރުމަކީ ގައުމަށް ލިބުނު ވަަރަށް ބޮޑު ހެވެއް ކަމަށް ސައީދު ވިދާޅުވިއެެވެ.
ޗައިނާގެ ރައީސް ޝީޖިންޕީ ރާއްޖެ ކުރެއްވި ތާރީޚީ ދަތުރުފުޅަށް ފަހު ދެގައުމުގެ އިގްތިސާދީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަަމަށް ސައީދު ވިދާޅުވިއެެވެ.
އެގޮތުން ޗައިނާގެ އެހީތެރިކާމާއި އެކު ކުރިއަށްގެންދާ ބްރިޖްގެ މަޝްރޫއު އާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ސައީދު ފާހަގަކުރެއްވިއެވެ.
މި ފޯރަމް މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓެމެންޓް ފޯރަމަށްވުރެ މި ފަހަރުގެ އިންވެސްޓްމެންޓް ފޯރަމް ކާމިޔާބުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ފޯރަމްގައި ބައިވެރިވަޑައިގަންނަވަން ފުރުމުގެ ކުރިން ވިދާޅުވެފައެެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ގާތްގަނޑަކަށް 700 ކުންފުނި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ފޯރަމްބާއްވާ ގައުމު ޗައިނާ، ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އަދި އިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި ފަހަރު ބޮޑަށް ފޯކަސް ކުރަނީ ފައިނޭންޝަން ސެކްޓާ، ބޭންކިން، ރިއަލްއެސްޓޭޓް، ޓްރާންސްޕޯޓަށް ކަމަށެވެ.
އެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖްކްޓްތަކަށް އިސްކަންދޭނެ ކަަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޒުވާނުންނަށް އަމާޒުކުރާ ސްޕޯޓްސް ކޮމްޕްލެކްސް އާއި ސްޓޭޑިއަމް ޕްރޮޖެކްޓް ހިމެނޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އަދި ފައިނޭންޝިއަލް ސެކްޓާގައި ރާއްޖޭގައި ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މިދިޔަ އަހަރު ސިންގަޕޫރުގައި އިންވެސްޓްމެންޓް ފޯރަމެއް ބާއްވާފައިވާއިރު އަންނަ އަހަރުގެ ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ އިންޑިއާގައެވެ.