މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި ސަރުކާރުގެ މުއައްސަސާތަކުން އެފްއޭއެމް އަށް ނުފޫޒު ފޯރުވާ ނަމަ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެފްއޭއެމް ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ އޭޝިއަން ފުޓްބޯލް ކޮންފެޑްރޭޝަން (އޭއެފްސީ) ބުނެފި އެވެ.

އެފްއޭއެމްގެ އިންތިޚާބު ފަސް ކުރުމަށް އެދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އޭއެފްސީ އަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން އޭއެފްސީ އިން އެފްއޭއެމް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްއޭއެމްއަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާއި އޭއެފްސީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ އެސޯސިއޭޝަނެއް ކަމަށާއި އެފްއޭއެމް އަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ އޭއެފްސީ އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފްއޭއެމްގެ އިންތިޚާބު ފަސް ކުރުމަށް ނަމަވެސް، ނުވަތަ އެހެން ކަމަކަށް ނަމަވެސް އެފްއޭއެމް އަށް ނުފޫޒު ފޯރުވާ ނަމަ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމުގެ ބާރު ފީފާއާއި އޭއެފްސީގެ ގަވައިދުގެ ދަށުން ލިބިދޭ ކަމަށެވެ.

އެގޮތުން އޭއެފްސީގެ ސްޓެޗިއުޓްސްގެ އާޓިކަލް 11ގެ ދޭއްގެ ދަށުން ދައުލަތުގެ ނުފޫޒު އެފްއޭއެމް އަށް ވަންނަ ނަމަ ފުޓްބޯޅައިން ސަސްޕެންޑް ކުރުމުގެ ބާރު އޭއެފްސީއަށް ލިބިގެންވާ ކަމަށް، އެމާއްދާތަކާ ހަވާލާދީ އޭއެފްސީ އިން ބުނެފައިވެ އެވެ.

އެފްއޭއެމްގެ ގަވާޢިދުގެ މަތިން ބާއްވާ އިންތީޚާބު މިއަންނަ ބުރާސްފަތި ދުވަހު ބާއްވަން ޖެހޭނެ ކަމަށާއި އެ އިންތީޚާބު އޮބްޒާވް ކުރުމަށް ފީފާއާއި އޭއެފްސީގެ މަންދޫބުން ހަރަކާތްތެރިވާނެ ކަމަށް ވެސް އޭއެފްސީގެ ސިޓީގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ނުފޫޒު ފޯރުވުންތަކާ ހެދި އޭއެފްސީ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝް ސަސްޕެންޑް ކުރުމުގެ އިންޒާރު ދިން އިރު މިދިޔަ ހަފުތާގައި ފީފާ އިން ވަނީ ކުވޭތުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކޮށްފަ އެވެ.

ކުވޭތުގެ އެފްއޭ ސަސްޕެންޑްކޮށްފައި ވަނީ އެ ގައުމުގެ ކުޅިވަރުގެ ޤާނުނުން އެގައުމުގެ ސަރުކާރަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ނުފޫޒު ފޯރުވުމުގެ ބާރު އޮންނާތީ، ގާނުނު އިސްލާހް ކުރަން ދިން މުއްދަތުގައި ގާނުނު އިސްލާހް ކޮށްފައި ނުވުމުންނެވެ.

ފީފާ އިން މިމައްސަލަ ފެންމަތި ކުރީ ވެސް ކުވައިތުގެ ސަރުކާރުން އެ ގައުމުގެ އެފްއޭގެ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވައި ވަންނަން ފެށުމުންނެވެ.