19 Oct 2015, 15:03
އިންވެސްޓް ފޯރަމްގައި ބައިވެރިވުމަށް ޗައިނާ އަށް ވަޑައިގެންނެވި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މަހުދީ އިމާދާއި އެ ކުންފުނީގެ ކޯޕަރޭޓް ސާވިސަސްގެ ހެޑް އިބްރާހިމް އަފްޒަލް އަށް ވިސާގެ މައްސަލަ ޖެހިގެން އަނބުރާ ފޮނުވާލާފައިވާކަން 'ސަން' އަށް އެނގިއްޖެ އެވެ.
އެ ދެ ބޭފުޅުން މިރޭ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ޗައިނާ އަށް ވަޑައިގެންނެވީ އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ދިވެހި ސަރުކާރުން ބާއްވާ ދެވަނަ އިންވެސްޓް ފޯރަމް ވަނީ މިއަދު ޗައިނާގެ ބެއިޖިންގައި ފަށައިފަ އެވެ. އެ ފޯރަމްގައި ނައިބު ރައީސް އަހުމަދު އަދީބާއި އިކޮނަމިކް މިނިސްޓަރު ބައިވެރިވެޑައިގަންނަވަ އެވެ. މީގެ އިތުރުން ވެސް އިކޮނަމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.