އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު އަތުލް ކޭޝަޕް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް މިއަދު އަރުއްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށް ފަހު، އެމެރިކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރެވުނު ފަހުން 50 އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި، އެމެރިކާގެ އާ ސަފީރުގެ ދައުރުގައި، މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން އެމެރިކާ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވި އެވެ. މިގޮތުން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ދެ ގައުމުގެ ދޭތެރޭ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެ ގައުމުން ކަންބޮޑުވާ އެކިއެކި މައްސަލަތަކާ ބެހޭ ގޮތުންނާއި، މިކަންކަން ޙައްލުކުރެއްވުމާ ބެހޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ އާއި އެމެރިކާގެ ސަފީރު ވާހަކަފުޅު ދެއްކެވި އެވެ. މިގޮތުން، ޓެރަރިޒަމާއި އިންސާނީ ޙައްގުތައް ރައްކާތެރިކުރުމާއި، ދުނިޔޭގެ މޫސުމާ ގުޅޭ އެކިއެކި މައްސަލަތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.