19 Oct 2015, 14:47
ކޮޅުނބުން: މުހައްމަދު ސިމާއު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދަށް ވަޅިން ހަމަލާދިންކަމުގެ ތުހުމަތުގައި ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ސްރީ ލަންކާގައި ހުންނަ ދިވެހިންގެ ސެންޓަރު، ސޯސަންވިލާ އިން ފެނިފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް އެ ސެންޓަރުން ދޮގުކޮށްފި އެވެ.
ރާއްޖޭއާއި ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން، ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު މަހުފޫޒަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި، ހޯދަމުންދާ ދެ މީހުންގެ ތެރެއިން، ރ. އިނގުރައިދޫ، ކަރަންކާގެ، ޝަފްރާޒު އިބްރާހިމް، 23 ފެނިފައި ވަނީ ދިވެހި ދަރިވަރުންތަކަކާ އެކު ސޯސަންވިލާގައި ފުޓްބޯޅަ ކުޅެން ހުއްޓަ އެވެ.
ބައެއް ދިވެހިންނާއި ސޯސަންވިލާގެ މުވައްޒަފުންނާ އެކު ވާހަކަދައްކަން ހުރި ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ އިރު، އޭނާ ސޯސަންވިލާ އިން ފެނިފައިވާ ތާރީހެއް އެއްވެސް ނޫހެއްގައި ހާމަކޮށްފައެއްނުވެ އެވެ.
ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއް ރަޝީދު ވިދާޅުވި ގޮތުގައި، ޝަފްރާޒަކީ މީގެ ކުރިން ސޯސަންވިލާގެ މެމްބަރެކެވެ. ނަމަވެސް އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރުނު ފަހުން އޭނާ އެތަނަށް ވަދެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ސެންޓަރުގެ މުވައްޒަފުންނާއި އޭނާއާ ގާތްގުޅުމެއް އޮންނަ ކަމަށް ބުނާ ވާހަކަ ވެސް އެ ސެންޓަރުން ވަނީ ދޮގުކޮށްފަ އެވެ.
"ސޯސަންވިލާގެ ގަވާއިދުތަކާ ހިލާފުވެގެން ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ސަސްޕެންޑްކޮށްފައި. ސަސްޕެންޑް ކުރުމުން ސޯސަންވިލާގެ ބައެއް މުވައްޒަފުންނަށް މަރުގެ އިންޒާރުދީ ބިރުދައްކާފައިވޭ. އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ފަހުން ސޯސަންވިލާ އަށް އޭނާ ވަދެއެއް ނޫޅޭ،" އަބްދުއް ރަޝީދު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ޝަފްރާޒަކީ ސްރީ ލަންކާގެ ކޮލެޖެއް ކަމަށްވާ "މާކަރީ އިންސްޓިޓިއުޓް"ގައި ކިޔެވުމަށް ރަޖިސްޓްރީވެ ރެސިޑެންޓް ވިސާ ނަގައިގެން ލަންކާގައި ދިރިއުޅޭ މީހެކެވެ.
ތޫނު އެއްޗަކާ އެކު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިންޓަޕޯލުން ޝަފްރާޒާ އެކު ހޯދަމުންދާ ދެވަނަ މީހަކީ މާލޭ، އަހުމަދު ރާއިދު، 20، އެވެ.
މަހުފޫޒު ގަޔަަށް ވަޅި ހަރާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5:20 އެހާކަން ހާއިރު ސައިކަލެއްގެ ފަހަތު ސީޓުގައި އޭނާ އިންނަވަނިކޮށް، މާވެޔޮމަގުން އެހެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.