19 Oct 2015, 13:25
އެފްއޭއެމްގެ އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ އޭޝިއަން ފުޓްބޯޅަ ކޮންފެޑްރޭޝަން (އޭއެފްސީ) އިން ތާއީދުކޮށްފިއެވެ.
އޭއެފްސީއިން މިއަދު އެފްއޭއެމްއަށް ފުނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު އިންތިޚާބު ބޭއްވުމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަށާއި އެ ކޮމިޓީގެ މެމްބަރުންނަށް އެ އިދާރާ އިން އެއްބާރުލުންދޭނެ ކަމަށެވެ.
އެފްއޭއެމާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަން ފެށުމުން އެކަން އޭއެފްސީއަށް ސާފުކޮށްދިނުމަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ އެފްއޭއެމުން ސާފުކޮށްދިން ކަންތައްތަކުން އެފްއޭއެމްގެ ފައިސާގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ހާމަކަން ބޮޑުކޮށް ދެފުން ފެންނަގޮތަށް ޕްރޮފެޝަނަލް އުސޫލުތަކުގެ މަތިން ކަމަށް އޭއެފްސީއިން ގަބޫލު ކުރާ ކަމަށެވެ.
ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރޭ ރިޕޯޓްގެ ކޮޕީއެއް އޭއެފްސީއަށް ބޭނުންވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އިއްޔެ ސަން އަށް ވިދާޅުވީ ފީފާއިންނާއި އޭއެފްސިއިންވެސް އެފްއޭއެމްގެ އިންތިޚާބަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.
އެފްއޭއެމްގެ އިންތިޚާބު ބުރަސްފަތި ދުވަހު ބާއްވަން އޭއެފްސިއިން އަންގާފައި ވަނީ ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްގެ އިންިީޚާބު ފަސް ކުރުމަށް އަންގާފައިވަނިކޮށެވެ.