19 Oct 2015, 13:09
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން އަދިވެސް މަސައްކަތް ކުރާނީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ދިފާއު ކުރަން ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނު ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާއާ ބެހޭ ގޮތުން ސަން ޓީވީގައި ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ ސަރުކާރު ބިކަކުރުމަށް ކުރާ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.
"... އެމްޑީއޭއަކުން އެއްވެސް ފުރުސަތެއް ނުދޭނަން މިސަރުކާރު ވައްޓާލުމަށް ޓަކައި ނުވަތަ މިސަރުކާރު ބިކަކުރުމަށް ކުރާ އެއްވެސް ކަމަކަށް. އަޅުގަނޑުމެން މިތިބީ ސީދާ ރައީސް ޔާމީނާ އެކީގައި،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްއާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ އަޣުލަބިއްޔަތުވެސް ރައީސް ޔާމީންގެ ސަރުކާރަށް އެބައޮތް ކަމަށެވެ. ޖުމްހޫރީ ޕާޓީގެލީޑަރަށް އެކަމުގައި މައުރޫފު ތައުރީފު ކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ ޝައުގުވެރިކަން އޮތީ ވެސް ސަރުކާރު ދިފާއު ކުރުމަށް ކަމަށެވެ.
"... ލީޑަރުގެ ޝައުގުވެރިކަން އެބަ އޮތް އަޅުގަނޑުމެން ބުރަ މަސައްކަތުން ދަލާ ލެޔާ ހުރިހާ އެއްޗެއް އޮހޮރައިގެން އަޅުގަނޑުމެން ހޯދި ވެރިކަމެއް މިއީ. އަޅުގަނޑުމެންގެ ގުރުބާންތައް އެބަހުރި. އިހުސާސްތައް އެބަހުރި. އެހެންވީމާ އެމްޑީއޭގެ ސްޓޭންޑަކީ މިއަދުވެސް ރައީސް ޔާމީނުގެ ދިފާއުގައި، ރައީސް ޔާމީނުގެ ވެރިކަމުގެ ދިފާއުގައި، އަޅުގަނޑުމެން ގެނައި ވެރިކަމުގެ ދިފާއުގައި އަޅުގަނޑުމެން ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވާނަން،" މައުރޫފް ވިދާޅުވިއެވެ.