ނޭޝަނަލް ޑުރަގު ކޮންޓުރޯލް ކައުންސިލަށް (އެންޑީސީސީ) މިނިސްޓަރުންގެ ބަދަލުގައި މިނިސްޓަރުންގެ ނައިބުން އައްޔަން ކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު އިޖުތިމާއީ ކޮމެޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރީ އެ ވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައި ވަނީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ)ގައި ހިމެނޭ ވަޒީރުންގެ ބަދަލުގައި ބައެއް ވުޒާރާތަކުން، މިނިސްޓަރު ފޯ ސްޓޭޓް ނުވަތަ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި ހުރި ފަރާތެއް އައްޔަންކުރެވޭނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑުރަގު ކޮންޓުރޯލު ކައުންސިލެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އެކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކޮންމެ ވުޒާރާއަކުން ވަޒީރެއް އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.