މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑު މެމްބަރު ކަމުގައި ހުންނަވަނިކޮށް އިހަކަށް ދުވަހު ވަޒީފާ އިން ވަކިކުރި އަދި އޭގެ ކުރިން ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޮންސަލްޓަންޓުގެ މަގާމުން ވަކި ކުރި މުހައްމަދު ޝިޔާމް (ތެމާ ޝިޔާމް) އަކީ ނާއިބު ރައީސް އަހުމަދު އަދީބުގެ "މީހެއް ނޫން" ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިއަދު ސަން އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު އިއްޔެ އަކު މިއަދު އުޅުނު ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީނާ އެކު "ވަރަށް ގާތްގުޅުމެއް އޮންނަތާ" 12 ވަރަކަށް އަހަރަށް ވުރެ ވެސް ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޝިޔާމު ސަރުކާރުގެ ވަޒީފާތަކުން ވަކިކުރީ، ނާއިބު ރައީސް އަހުމަދު އަދީބުއާ ގާތް ގުޅުމެއް އޮންނާތީ އާއި އަދި ރައީސް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތުގެ އިނގިލި ނާއީބު ރައީސްއާ ދިމާލަށް ދިއްކުރާތީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސިޔާސީ ކަންކަމަކީ އެކި ފަހަރު އެކިގޮތަށް ހިނގާ ކަންކަން ކަމަށާއި އަދި "ސިޔާސީ ވަޒީފާތަކަކީ ބައެއް ފަހަރު ގެއްލިފައި އަނެއް ބައިފަހަރު ލިބޭ އެއްޗެއް" ކަމަށެވެ. އަދި އެފަދަ ގޮތް ގޮތަށް އެކަންކަން ހިނގަނީ ބަޔަކަށް ކުށް ހީތަކެއް ކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ ސަރުކާރުގެ ވަޒީފާތަކުން ވަކި ކުރިއަސް އޭނާ ހުންނަވާނީ ރައީސް ޔާމީނާ އެކު ކަމަށާއި އަދި 2018 ވަނަ އަހަރު ރައީސް ދެ ވަނަ ދައުރަކަށް ހޮވުމަށް ވެސް ކުރަން ޖެހުނު އަދި ކުރެވުނު ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމާ ވަޒީފާ އިން ވަކިކުރުމާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާއިބު ރައީސް އަދީބާ އެކު ގާތްގުޅުމެއް ބާއްވަމުން އައީ ރައީސް ޔާމީން އޭނާ ދެއްކެވުމުން ކަމަށާއި އެއީ ފަހަރެެއްގައި ވެސް އޭނާއާ ވަކި ހާއްސަ ގުޅުންތަކެއް އޮންނާތީ ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މާދަމާ ވެސް ނާއިބު ރައީސް އަދީބަކީ "ގޯސް ބޭފުޅެއް ކަމަށް" ރައީސް ވިދާޅުވާ ހިސާބުން އޭނާއާ ދޭތެރޭ އެއްވެސް ގާތްކަމެއް ނުބާއްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އޭނާއަކީ ރައީސް ޔާމީނަށް ވެސް އަދި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމަށް ވެސް ދެރައެއް ވާން އެދޭނެ ބޭފުޅެއް ނޫން ކަމަށާއި ރައީސްގެ ފުރާނަފުޅަށް ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ހިންގި ނާތަހުޒީބީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.