ދަވްޙާ : ޤަތަރުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރިޔަށްއޮތް ފަސް އަހަރު ތެރޭގައި 225 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޤަތަރުގެ ސެކްރެޓޭރިއަޓް ޖެނެރަލް ފޯ ޑިވެލޮޕްމެންޓް ޕްލޭނިންގ ޑޮކްޓަރ އިބްރާހީމް އަލްއިބްރާހީމް ވިދާޅުވިގޮތުގައި މި އިންވެސްޓްމަންޓްތަކުގެ ބޭނުމަކީ ޢުމްރާނީ ތަރައްޤީގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމުތަކުގެ ފެންވަރަށް ޤަތަރު ގެންދިޔުމެވެ.

ފަސްއަހަރުތެރޭގައި ޚަރަދުކުރުމަށް ހަމަޖެހިފައިވާ މިފައިސާގެ ބޮޑުބައެއް ހޭދަކުރެވޭނީ ޤަތަރުގައި ޒަމާނީ އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށާއި ގެދޮރާއި އޮފީސްތަކާއި ވިޔަފާރި މަރުކަޒުތައް ހިމެނޭ ބޮޑެތި ޢިމާރާތްތައް ބިނާކުރުމަށެވެ.

އިންފްރާސްޓްރަކްޗަރ ގެ ގޮތުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ޒަމާނީ މަގުތަކާއި ހައިވޭތަކާއި ބްރިޖްތަކާއި އިލެކްޓްރިލް ރޭލާއި އެއަރޕޯޓްތައް އަޕްޓްރޭޑް ކުރުމާއި ތަޢްލީމީ މުއައްސަސާތަކާއި ހޮސްޕިޓަލްތައްފަދަ ތަންތަނުގެ އިތުރުން ހޮޓާތަކާއި ޕާކްތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް ތައްޔާރު ވުމުގެ ގޮތުން ސްޓޭޑިޔަމްތަކާއި ހޮޓާތަކާއި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް އިތުރު 160 ބިލޔަން ޑޮަލަރު އިންވެސްޓް ކުރުމަށްވެސް ޤަތަރުން މިޙާރު ގެންދަނީ ޕްލޭންތައް އެކަށައަޅަމުންނެވެ.

ޤަތަރުން މިހާރު ރާވަމުންގެންދާ ތަރައްޤީގެ ޕްލޭންތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށް ނިމިއްޖެނަމަ ޢަރަބި ދުނިޔޭގެ އިތުރުން އޭޝިޔާގައިވެސް ޢުމްރާނީ ގޮތުންނާއި އިންފްރާސްޓްރަކްޗަރ ގެ ގޮތުން އެންމެ ބޮޑަށް ތަރައްޤީ ވެފައިވާ އެއް ޤައުމަށް ޤަތަރު ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޤަތަރަކީ މިހާރުވެސް ޢަރަބި ޤައުމުތަކުގެ ތެރޭން އެންމެ ހަލުއިކަމާއެކު ތަރައްޤީ ވަމުން އަންނަ ޤައުމެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް