މިދިޔަ ސީޒަންގައި ބާސެލޯނާގެ ޖޯޒީގައި ނޭމާ ކުޅެން ފެށިފަހުން އިއްޔެ ރެއަކީ އޭނާގެ ކެރިއަރުގައި ޚާއްސަ ރެއެކެވެ. އޭނާގެ ބަހުން ނަމަ ރަޔޯ ވަޔަކާނޯއާ ދެކޮޅަށް ކުޅުނު މެޗަކީ ބާސާއާ އޭނާ ގުޅުނު ފަހުން މިހާތަނަށް އޭނާ އަށް އެންމެ ރަނގަޅަށް ކުޅެވުނު އެއްމެޗެވެ.

މެޗްގައި ވަޔަކޯނާގެ ކޮޅަށް ޖެހި ހަތަރު ގޯލާ އެކު ފަހު ކަށިގަނޑު ފުމެލުމުން ނޭމާގެ ފަރާތުން ވަނީ ތަފާތު އުފާވެރިކަމެއް ފެނިގެން ގޮސްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނޭމާ ބުނެފައި ވަނީ މިމޮޅާ އެކު އޭނާއަށް އިންތިހާއަށް އުފާވެރިކަން ލިބިއްޖެ ކަމަށާއި އަދި އޭނާގެ ހަތަރު ގޯލް ފެނި މެޗްގައި ޓީމު ދެއްކި ޕާފޯމަންސާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ވަޔަކާނޯ މެޗްގައި ލަނޑު ޖެހުމަށްފަހު ނޭމާ އުފާފާޅުކުރަނީ. އެނާ ވަނީ މެޗް ނިމުމަށް ފަހު ވަރަށް ބޮޑަށް ސެލަބަރޭޓްކޮށްފައި --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް

"އަހަރެންގެ ގޯލްތަކާ އެކު މުޅި ޓީމްގެ މަސައްކަތުން ލިބުނު މޮޅާ މެދު އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ. މިކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް. މިއީ ބަސާގެ ޖޯޒީގައި އަހަރެން ކުޅުނު އެންމެ މޮޅު ގޭމް،" ނޭމާ ބުންޏެވެ.

މެޗްގައި ނޭމާ ޖެހި ޕެނަލްޓީ ފާހަގަ ކުރެވުނީ ވަރަށް އާދައިގެ ގޮތަކަށް ހުރެފައި ޖެހި މޮޅު ދެ ޕެނަލްޓީގެ ގޮތުގައެވެ. އެކަމާ ބެހޭ ގޮތުން ނޭމާއާ ސުވާލުކުރުމުން މަޖާ ރާގެއްގައި އޭނާ ބުނީ އޭގެ ސިއްރު ނުބުނެވޭނެ ކަމަށާއި އޭރުން ކީޕަރުން އެ ޓެކްނިކް ދެނެގަންނާނެ ކަމަށެވެ.

ވަޔަކާނޯ މެޗްގައި ލަނޑު ޖެހުމަށް ފަހު ނޭމާއާއި ބާސާގެ އެހެން ކުޅުންތެރިން އުފާފާޅުކުރަނީ. އޭނާ ބުނީ އޭނާއަށް ހަތަރު ލަނޑު ޖެހުމުގައި ޓީމްގެ އެހެން ކުޅުންތެރިން މަސައްކަތް މުހިންމުކަމަށް --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް

ޕެނަލްޓީ އާ މެދު އޭނާ ބުނީ ބާސާގެ ފަރިތަކުރުންތަކުގައި، ބާސާގެ ކީޕަރުން ކަމަށްވާ އެންޑްރޭ ޓާސްޓެގަން އާއި ކްލައުޑިއޯ ބްރާވޯއާއި ތިން ވަނަ ކީޕަރު ޖޯޑީ މާސިޕްއާ އެކު އެގޮތަށް ޕެނަލްޓީ ޖެހުމަށް ފަރިތަ ކުރާ ކަމަށެވެ.

ބާސާގެ މެސީއަށް އަނިޔާވުމާ އެކު، ނޭމާއަށް އެ ކްލަބުގައި އަދާ ކުރަން ޖެހޭ ދައުރު ބޮޑުވުމުން އޭނާގެ ފަރާތުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ވަޔަކާނޯ މެޗްގައި ޖެހި ހަތަރު ގޯލާ އެކު މިހާތަނަށް އަށް ލަނޑު ޖަހައިގެން މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ނޭމާ އެވެ.

މިދިޔަ ސީޒަންގެ އެންމެ ގިނަ ގޯލް ޖެހި ރޮނާލްޑޯ ވެސް އުޅެނީ ނޭމާ އަށް ވުރެ ފަހަތުގަ އެވެ.