19 Oct 2015, 11:36
ޗައިނާގެ ބެއިޖިންގައި ދިވެހި ސަރުކާރުގެ ފަރާތުން ބާއްވާ އިންވެސްޓްމެންޓް ފޯރަމް ދާދި ދެންމެ އަކު ފަށައިފި އެވެ.
ބެއިޖިންގައި ހުންނެވި އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު ދެންމެ ސަން އަށް ވިދާޅުވީ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވާނެ ކަމަށެވެ.
މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓެމެންޓް ފޯރަމަށް ވުރެ މި ފަހަރުގެ އިންވެސްޓްމެންޓް ފޯރަމް ކާމިޔާބުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ފޯރަމްގައި ބައިވެރިވަޑައިގަންނަވަން ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވެފަ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ގާތްގަނޑަކަށް 700 ކުންފުނި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ފޯރަމް ބާއްވާ ގައުމު ޗައިނާ، ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އަދި އިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނެ އެވެ.
މާލީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ބާއްވާ ޕެނަލްޑިސްކަޝަން އެއް އިންވެސްޓްމެންޓް ފޯރަމްގައި އޮންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެއްމެ އިސްކަމެއް ދެނީ ފައިނޭންޝިއަލް ސެކްޓާ، ރިއަލްއެސްޓޭޓް، ޓްރާންސްޕޯޓް
މިނިސްޓަރު ސައީދު ވިދާޅުވީ މި ފަހަރު ބޮޑަށް ފޯކަސް ކުރަނީ ފައިނޭންޝަން ސެކްޓާ، ބޭންކިން، ރިއަލްއެސްޓޭޓް، ޓްރާންސްޕޯޓަށް ކަމަށެވެ.
އެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖްކްޓްތަކަށް އިސްކަންދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޒުވާނުންނަށް އަމާޒުކުރާ ސްޕޯޓްސް ކޮމްޕްލެކްސް އާއި ސްޓޭޑިއަމް ޕްރޮޖެކްޓް ހިމެނޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އަދި ފައިނޭންޝިއަލް ސެކްޓާގައި ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މި ފަހަރުގެ އިންވެސްޓްމެންޓް ފޯރަމް ކުރިއަށް ގެންދިއުމުގައި ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް ސައީދު ވިދާޅުވި އެވެ.
ޗައިނާގެ 30 މީޑިއާ އަކުން އިންވެސްޓްމެންޓް ފޯރަމްގެ ޚަބަރުތައް ގެނެސްދޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.