މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މެމްފިސް ޑިޕާއީ އެ ޓީމްގައި މަޑުކުރަން ބޭނުންވާނަމަ ޓީމްގެ ފިލޯސަފީއާ އެއްގޮތަށް އަމަލުކުރުމަށް ކޯޗް ލުއިސް ވެން ހާލް އަންގައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވަޓަން އަތުން 0-3 އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނެއިޓެޑް ގެ ކޯޗް ވެން ހާލް ބުނީ ޑިމާރިއާ އާއި ފަލްކާއޯ ހިނގިމަގުން ހިގައިފިނަމަ އެޓީމުން ފުރުސަތު ގެއްލުމުގެ ޗާންސް ވަރަށް ބޮޑު ކަމަށެވެ.

"ބައެއް ކުޅުންތެރިންގެ ފަރާތުން ޓީމަށް އެއްބާރުލުން ނުލިބޭ. ޓީމަށް ގެނައުމުގެ ކުރިން ނޭނގޭ އެ ކުޅުންތެރިންގެ ހަގީގަތެއް. ވަރަށް މޮޅު ކުޅުންތެރިއެއް ހުރެދާނެ އެހެން ނަމަވެސް ޓީމަށް ފައިދާ ނުކުރަންޔާ ޖެހޭނީ އެ ކުޅުންތެރިއަކު ދޫކޮށްލަން،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ ޑިމާރިއާ އާއި ފަލްކާއޯ އަކީ ވެސް މޮޅު ދެ ކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް އެ ދެ ކުޅުންތެރިންގެ ފަރާތުން ޓީމަށް އެކަށީގެންވާ ފައިދާއެއް ނުކުރި ކަމަށެވެ.

އޭނާ ބުނީ މި ސީޒަނުގައި ޔުނެއިޓެޑް ތަށި ހޯދުމަށް މަސައްކަތް ކުރާނަމަ ބޮޑެތި ޓީމްތަކުގެ އަތުން މޮޅުވާން ޖެހޭނެ ކަމަށާއި ޚާއްސަކޮށް ސިޓީ ބަލި ކުރަން ޖެހޭ ކަމަށެވެ.

"ސިޓީ އަކީ ސްކޮޑަށް ބަލާއިރު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު. އަންނަ ހަފްތާގައި ކުޅެން މި ޖެހެނީ ސިޓީއާ. ލީގު ތަށްޓަށް ވާދަކުރަން ބޭނުން ނަމަ ސިޓީ ބަލިކުރަން ޖެހޭ،" ވެން ހާލް ބުންޏެވެ.

އުމުރުން 21 އަހަރުގެ ޑިޕޭ މެންޗަސްޓާ ޔުނައިޓެޑާ ގުޅުނީ މި ސީޒަނުގައި 31 މިލިޔަން ޕައުންޑަށް ނެދަލެންޑްސް ގެ ޕީއެސްވީއިން ހަތަރު އަހަރުގެ ކޮންޓްރެކްޓަކަށެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ޑިޕޭ އަންނަނީ އެ ޓީމްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.