މޯބައިލް ފޯނު އަދި މޯބައިލް ފޯނާއި ގުޅުން ހުރި އެސަސަރީސް ވިއްކުމުގެ ވިޔަފާރި ބިދޭސީން ކުރުން އިކޮނަމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

އެ މިނިސްޓްރީ އިން އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މޯބައިލް ފޯނުގެ ވިޔަފާރީގެ ދާއިރާ އަކީ ބިދޭސީން އިންވެސްޓްކުރުމަށް ހުއްދަނުދޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"މި ދާއިރާގައި ކުރަމުންދާ ވިޔަފާރީގެ އެންމެހައި މުޢާމަލާތްތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހުއްޓުމަކަށް ގެންނަންޖެހޭނެ އެވެ،" އިކޮނަމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން އިންވެސްޓްމެންޓަށް ހުއްދަނުދޭ ދާއިރާތައް ކަނޑައެޅުމުގެ ބާރުދީފައި ވަނީ އިކޮނަމިކް މިނިސްޓްރީ އަށެވެ.

މީގެ ކުރިން އެ މިނިސްޓްރީން ވަނީ ފޮޓޯގްރަފީގެ ދާއިރާގައި ވެސް ބިދޭސީންނަށް ހަރަކާތްތެރިނުވެވޭނެ ކަމަށް ކަނޑައަޅާފައެވެ.