19 Oct 2015, 09:46
ވޮޝިންޓަން (އޮކްޓޯބަރު 19) : އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ކުރަން ޖެހޭ އިދާރީ އަދި ގާނޫނީ ކަންކަން އަވަހަށް ނިންމުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެމެރިކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވައިފި އެވެ.
މިކަމާ ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ ތާރީޚީ އެއްބަސްވުމެއްކަމަށާއި އިއްޔެއަކީ މިއެއްބަސްވުން ތަންފީޒު ކުރަންފެށުމުގެ ތާރީޚީ ދުވަސްކަމުގަ އެވެ. މިއެއްބަސްވުމުގައިވާ ގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އިގްތިސާދީ އަދި މާލީ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ކުރަން ޖެހޭ ގާނޫނީ އަދި އިދާރީ ކަންކަން މިއެއްބަސްވުމުގައި ސޮއިކުރާތާ 90 ދުވަހަށް ފަހު ފަށަންޖެހެ އެވެ. މިދިޔަ ހޮނިހިރު ދުވަހަކީ މިއެއްބަސްވުމަށް 90 ދުވަސްފުރުނު ދުވަހެވެ.
ޔޫރަޕްގެ އިއްތިޙާދުން ވެސް ވަނީ ނިއުކްލިޔާ މައްސަލާގައި އެއިއްތިޙާދުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކަންތައް ޔުރަޕްގެ އިއްތިޙާދުން މިހާރު ފަށާފައިވީ ނަމަވެސް ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ދެމަސްދުވަހުގެ މުއްދަތެއް ނަގާނެ އެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން އުވާލުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ މާލީ އަދި ވިޔަފާރީގެ ހުރިހާ ފިޔަވަޅުތަކެއް ހިމެނުނު ނަމަވެސް ހަތިޔާރުގެ ޓެކްނޮލޮޖީއާއި ގުޅުން ހުރި ފިޔަވަޅުތައް އުވާލުމަށް ހަމަޖެހިފައި ވަނީ ދިގުމުއްދަތަކުންނެވެ. އުވާނުލާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ނިއުކްލިޔާ ހަތިޔާރާއި ބެލަސްޓިކް މިސައިލް އުފެއްދުމާ ގުޅުންހުރި ތަކެތި އީރާނަށް ލިބުން މަނާކުރާ ފިޔަވަޅުތަކެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ފެށުމާއެކު އެންމެ ފުރަތަމަ ވެސް އީރާނަށް ލިބިގެންދާނީ އެމެރިކާ އާއި ޔުރަޕްގެ ބޭންކްތަކުގައި ފްރީޒް ކޮށްފައިވާ އީރާނުގެ 150 ބިލިޔަން ޑޮލަރެވެ. މީގެތެރެއިން ފުރަތަމަ ލިބޭ ގޮތަށް ހަމަޖެހިފައި ވަނީ 50 ބިލިޔަންޑޮލަރެވެ. މިކަމުގެ ސަބަބުން އީރާނުގެ އިގްތިސާދުގެ އިންޖީނު ވަރަށް ބާރަށް ހިނގައިގަންނާނެކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)