ޓޯކިޔޯ : އަންނަ އޭޕްރިލް މަހު ފެށޭ ޖަޕާނުގެ މާލީ އަހަރަށް 1.1 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ޖަޕާނުން ކަނޑައަޅައިފިއެވެ. ޖަޕާން ސަރުކާރުން އެކަށައެޅި މި ބަޖެޓް އެޤައުމުގެ ބަރުލަމާން (ޕާލަމެންޓް) އިން އިއްޔެވަނީ ބައެއް ބަދަލުތަކާއެކު ފާސްކޮށްފައެވެ. ޖަޕާނުގެ ޕާލަމެންޓްގެ ތިރިގެއިން މިހާފަސޭހައިން މި ބަޖެޓް ފާސްވީ އެމަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް އޮތުމުން ކަމަށް ޚަބަރުލިބެއެވެ.

ބަޖެޓް ފާސްކުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ބޮޑުވަޒީރު ނަވްތޫ ކާން ވިދާޅުވީ ދާދިފަހުން ޖަޕާނަށް ކުރިމަތި ބިންހެލުމާއި ސުނާމީ ކާރިޘާއިން ލިބުނު ގެއްލުންތައް ފޫބެއްދުމަށާއި ހަލާކުވި ސަރަޙައްދުތައް ބިނާކޮށް އަލުން އާރާސްތު ކުރުމަށްޓަކައި އިތުރު ސަޕްލިމެންޓްރީ ބަޖެޓެއް ތައްޔާރުކޮށް ބަރުލަމާނަށް ހުށަހަޅަންޖެހޭ ކަމުގައެވެ. މި ސަޕްލިމެންޓްރީ ބަޖެޓް އެކުލަވާލާނީ އިދިކޮޅު ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިންކަމަށްވެސް ކާން ވިދާޅުވިއެވެ.

ޖަޕާނަކީ އަހަރަކު 4.9 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ ޤައުމެކެވެ. އެހެންކަމުން ބިންހެލުމާއި ސުނާމީގެ ކާރިޘާއިން ކުރިމަތިވި ގެއްލުންތައް ފޫބެއްދުމަށް ކިތަންމެ ބޮޑު ބަޖެޓެއް އެކުލަވާލުމަކީވެސް މާލީގޮތުން ޖަޕާނަށް ދަތިކަމަކަށް ނުވާނެކަމަށް ޚަބަރުލިބެއެވެ. ނަމަވެސް ޖަޕާނަކީ ދައުލަތުގެ ދަރަނިވެސް ވަރަށް ބޮޑު ޤައުމެކެވެ.
ބިންހެލުމާއި ސުނާމީގެ ކާރިޘާގައި 300 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ޖަޕާނަށް ލިބިފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެެއެވެ. -- ނޫސް އެޖެންސީތައް