19 Oct 2015, 09:19
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް މެދު ކަނޑާލައިފި އެވެ. ހަފުތާއަކަށް މަޖިލިސް މެދުކަނޑާލި މައިގަނޑު ސަބަބެއް މަޖިލީހުގެ އިދާރާކުން ވެސް ނުބުނެ އެވެ.
މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލި އިރު އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖަލްސާ ނިއްމަވާލެއްވީ ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރައްވަ އެވެ.
"ސަން" އާ ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ހުރިހާ މަސައްކަތްތައް އޮތީ ކޮމެޓީ މަރުހަލާގައި ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ނިންމުމަށް ވަގުތު ބޭނުންވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
"މިހާރު މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން އަނެއްހެން ކުރާނެ މައިގަނޑު މަސައްކަތެއް ނެތް. މަސައްކަތެއް ވިއްޔާ މިހާރު އޮތީ ކޮމެޓީ މަރުހަލާގައި." މެމްބަރަކު ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލައިފައިވާ އިރު ކޮމެޓީ މަރުހަލާގައި މިހާރު ވެސް 19 ބިލެއްގެ މަސައްކަތް ނުނިމި އެބައޮތެވެ.