19 Oct 2015, 01:26
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ނައިބު ރައީސް އަހްމަދު އަދީބުގެ އިހުމާލު އެބައޮތް ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން ގާނޫނީ ވަކީލު ވައްޑޭ ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ނައިބު ރައީސްގެ އިތުރުން އެމްއެންޑީއެފްގެ އިހުމާލުވެސް އެބައޮތް ކަމަށެވެ.
"އެހެންވީމާ ދިފާއީ ބާރުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިހުމާލެއް އަސްލުގަ މީގަ އެބައޮތް. ދިވެހިރާއްޖޭގެ ނައިބު ރައީސްގެ އިހުމާލެއް މީގަ އެބައޮތް،" ވައްޑޭ ވިދާޅުވިއެވެ.
އެހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވައްޑޭ ވިދާޅުވީ، އިހުމާލުވި ފަރާތްތަކުން ޒިންމާއިން ދުރަކަށް ނުދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ހަގީގަތުގައި އެއީ ބަޔަކު މީހުން ދުރާލައި ރާވައިގެން އަމިއްލަ އެދުމެއް އޮވެގެން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފުރާނަފުޅު ދުއްވާލުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށާއި ރައީސްގެ އިތުރުން ލޯންޗުކޮޅުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ ފުރާނަ ދުއްވާލުމަކީ ވެސް އެކަން ކުރި ބައެއްގެ އަމާޒެއް ކަމަށް ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަން ރާވާފައި ވަނީ ރައީސްގެ ފުރާނަފުޅު ދިޔުމުން މާބޮޑު ތަހުގީގެއް ނުކުރެވޭނެ ކަމަށް ބަލައިގެން ކަމަށެވެ.
"އެހެންނަމަވެސް އެމީހުންގެ ރޭވުމަށްވުރެ ﷲ ތައާލާގެ ތަގުދީރު މާ ވަރުގަދަ ވީމާ އަޅުގަނޑުމެންގެ ރާއްޖޭގައި މި މޮޅު ވެރިކަން އޮތުމަށް ﷲ ތައާލާ ލެއްވީމާ މިގޮތަށް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ،" ވައްޑޭ ވިދާޅުވިއެވެ.
އެއީ ވެރިކަމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމުގައިވާނަމަ ވެރިކަން ލިބޭނީ ކާކަށްތޯވެސް ބަލަންޖެހޭ ކަމަށް ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެފަދަ ހާލަތެއްގައި ވެރިކަން ނުލިބޭނެ ކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނެތިއްޖެ ހާލަތެއްގައި ވެރިކަން ލިބޭނީ ކާކަށްކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެބޭފުޅަކީ ނައިބު ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ގާނޫނު އަސާސީ ބުނާގޮތުން ކަމަށްވެއްޖެނަމަ ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ދިވެހިރާއްޖޭގައި އެވަގުތަކު ހުންނަ، ރައީސުލްޖުމްހޫރިއްޔާ ނެތް ހާލަތުގަ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް،" ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭގެ ވާހަކަފުޅުގައި ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އަތުލައި އެމަނިކުފާނު އަވަހާރަކޮށްލި ހާދިސާގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
އެ ހާދިސާގެ މައްޗަށް އަލިއަޅުވާލެއްވުމަށްފަހު ވައްޑޭ ވިދާޅުވީ، އެކުވެރިއެއްގެ ފަރާތުން ކޮންމެ ވަގުތަކު ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށާއި ދުޝްމަނު މީހާއަކީ ކޮންމެތާކު ހުއްޓަސް ދުޝްމަނެއް ކަމަށް ވިސްނައިގެން ރައީސް އުޅުއްވާނެ ކަމަށެވެ.
"ހިތް ނުބައި ދުޝްމަނަކަށްވުރެ، އަޅުގަނޑު މިދަންނަވަނީ ދުޝްމަނު ހަސަދަވެރިއަކަށްވުރެ އެކުވެރިއެއްގެ ގޮތުގައި ހުންނަ ހިތްނުބައި މީހާ މާ ނުރައްކާތެރިކަން ބޮޑޭ އަޅުގަނޑުމެންނަށް. މިއީ ކޮންމެ މީހަކުވެސް ވިސްނަންޖެހޭނެ ކަމެއް،" ވައްޑޭ ވިދާޅުވިއެވެ.