ރައީސްގެ ލޯންޗަށް ދިން ހަމަލާ ދިނީ ކޮންމެ ބަޔަކުކަމަށް ވިޔަސް އެކަން އެގޮތަށް ކޮށްފައިވާނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންޓީވީ '50 މިނެޓް' ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި އެފަދަ ކަމެއް ކުރުމަކީ ވަރަށް ނިކަމެތި ކަމެއް ކަމަށެވެ.

"...ކޮންމެ ބަޔަކު ކުރި ކަމުގައި ވިޔަސް އެކަން ކުރާނީ ހަމަ އެންމެ ކަމެއްގެ ބޭނުމުގައި، ހަމަ ވެރިކަމުގެ ދަހިވެތިކަމުގައި،" މޫސަ ވިދާޅުވިއެވެ.

ވެރިކަމަށް މީހުން އަންނަން ޖެހޭނީ އެހެން ނޫން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އިދިކޮޅު އެމްޑީޕީ އަދި ވެރިކަން ކުރާ ޕީޕީއެމް އިން އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"... އަޅުގަނޑު ދުށް އެމްޑީޕީ މީހުންނެއް ރައީސުލްޖުމްހޫރިއްޔާއަކު މަރާކަށް ނުނުކުންނާނެ. އަދި އަޅުގަނޑު ގަބޫލެއް ނުކުރަން ޕީޕީއެމްގެ ތެރެއިން ވެސް އެކަން ކުރަން ނުކުންނާނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެފަދަ ކަންތައްތައް ރާއްޖޭގައި ހިނގާ ނަމަ ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ދިމާލަކަށް ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ އަމާން ކަމެއް ނެތް ގައުމަކަށް ޓުއަރިސްޓެއްގެ ގޮތުގައި ދާން ވެސް މީހަކު ބޭނުން ނުވާނެ ކަމަށެވެ.

ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލާ ގޮވާލުމަށް ވެސް މިރޭގެ ޕްރޮގްރާމްގައި މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ޔޫއެން އިން ފަލަސްތީނު މައްސަލައިގައި ފިޔަވަޅު ނާޅަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"...އެމްޑީޕީއާ ޕީޕީއެމްއާ ހިޔާލު ތަފާތުވީ، އެއްވެސް ޕާޓީއެއްގައި ނޫޅޭ މީހުން ވެސް ބަނޑަށް ޖެހިދާނެ. ޔޫއެން އިން ފިޔަވަޅު އަޅަން ދާންވީ ނޫންތޯ ފަލަސްތީނާ ދޭތެރޭ. އަޅުގަނޑުމެން ގޮވަމެއް ނޫންތޯ އެވާހަކަ،" މޫސަ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މޫސަ ވިދާޅުވީ " ރާއްޖެ މިހާރު މި ހައްދު ފަހަނަ އެޅީ" ކަމަށެވެ.