ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ކުޑަ ކުދިންނަށް އަމާޒުކޮށްގެން އެ ގައުމުގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ދަށުން ފުޓްބޯޅަ ޕްރޮގްރާމެއް ފަށައިފި އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދީ، ލަންކާގައި ދިރިއުޅު ނަމަވެސް ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ހުޅުވައިދިނުމުގެ ގޮތުން ކުރީ ދުވަހު ފެށި އެ ޕްރޮގްރާމަކީ އެ ސެންޓަރުގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުން އިސްނަގައިގެން ފެށި ޕްރޮގްރާމެކެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއް ރަޝީދު (އަދުރޭ) ވިދާޅުވި ގޮތުގައި، ލަންކާގައި ދިރިއުޅޭ އުމުރުން ހަ އަހަރާއި 16 އަހަރާ ދެމެދުގެ ދިވެހި ކުދިންނަށް ފެށި ޕްރޮގްރާމުގައި މިހާތަނަށް 20 ފިރިހެން ކުދިން ތަމްރީން ހޯދަމުންދާ ކަމަށެވެ.

ލަންކާގެ އެކި ކޮލެޖްތަކަށް ތަމްރީންދޭ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ސެޓިފައިޑް ތަޖުރިބާކާރު ލަންކާގެ ފުޓްބޯޅަ ކޯޗަކާއި ހަތަރު ޓްރެއިނަރުންނާ އެކު ފެށި އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަންހެން ދަރިވަރުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.