މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިގް އިބްރާހީމާ ހަވާލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ މިރޭ ސަންއަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޓޫރިޒަމް މިނިސްޓްރީ ހިންގެވުން އެންވަޔަރަންމަންޓް މިނިސްޓަރާ ހަވާލުކުރެއްވީ، މިނިސްޓްރީތައް ހިންގަވަން ތިއްބަވާ ބޭފުޅުން ރާއްޖޭން ބޭރަށް ވަޑައިގަތުމުން އެތަންތަން ވަގުތީގޮތުން ހިންގަވަން އެހެން ބޭފުޅުންނާ ހަވާލުކުރައްވާ އުސޫލުގެ މަތިން ކަމަށެވެ.

" ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބު. މިވަގުތު އެމަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގަތުމާ ގުޅިގެން ރައީސް މިވަނީ އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގާ ހަވާލުކުރައްވާފައި،" މުއާޒު ވިދާޅުވި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އައްޔަން ކުރެއްވި ފަހުންވެސް އެ މިނިސްޓްރީ ހިންގަވަމުން ގެންދެވީ އެމަނިކުފާނެވެ. އަދި މިވަގުތު އެމަނިކުފާނު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވެ.