29 Mar 2011, 22:37
ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދިގެން މިއުޅެނީ ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ޒިންމާ ނަގާފައި ނުވާތީ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދުމާ ގުޅިގެން، ފެންމަތިވެފައިވާ ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް، ކޮންމެ ޑޮލަރަކަށް ފުލުހަކު ބަހައްޓައިގެން ނަމަވެސް ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަން ހުއްޓުވުމަށް ފުލުހުން ފެށި ޚާއްސަ އޮޕަރޭޝަނާ ގުޅިގެން މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ ފުލުހުން މިކަމުގެ ތެރޭގައި ހަރަކާތްތެރި ވާން ޖެހުނީ، ޒިންމާ އޭގެ ޒާތުގައި ނަގަން ޖެހޭ ފަރާތްތަކުން ނެގި ނަމަވެސް އެކަށީގެންވާ މަސައްކަތްތަކެއް އެކަން ހުއްޓުވުމަށް ކޮށްފައިނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުން މިކަން ރެގިއުލޭޓް ކުރަން ތިބި ބައެއް ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން މިހާ ހިސާބަށް މިކަންތައް ދިޔައީ،" ނަވާޒު ވިދާޅުވި އެވެ.
މިހާތަނަށް ބެލިބެލުމުން ވެސް އެމްއެމްއޭ އިން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނަވާޒު ވިދާޅުވީ ޑޮލަރު އަގުބޮޑުކޮށް ވިއްކަމުން ދަނީ ކޮން ފަރާތްތަކަކުންތޯ އަދި ޑޮލަރު ވިއްކުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން ވެސް ޑޮލަރު ވިއްކަމުން ގެންދަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި އެފަދަ ތަންތަނަށް ވަދެ ޗެކްކުރާނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުން ދަނީ ކޮން ބައެއްތޯ ބަލައި އެމީހުންނާ ދޭތެރޭ ވެސް ފިޔަވަޅު އަޅާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ އާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް ފުލުހުންގެ ޓީމެއް އެމްއެމްއާ ވެސް މިއަދު ބައްދަލުކޮށް ގޮތްތަކެއް ރާވައިފައިވާ ކަމަށެވެ.
ނަވާޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށާއި މާރާމާރީގެ މައްސަލަ ހައްލު ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވާނެ ކަމަށެވެ.
ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދިފައިވާ އިރު، ކަޅު ބާޒާރުގައި 13ރ. އާއި 14ރ. އަދި 15ރ. އަށް ޑޮލަރު ވިއްކަމުންދާ ކަމަށް ނަވާޒު ވިދާޅުވި އެވެ.
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ވަންނަ ބޭރު ފައިސާ، ރާއްޖޭގައި ބެހެއްޓުމަށް އުސޫލްތަކެއް ގާއިމްކުރައްވާނެ ކަމަށާއި ސަރުކާރުން އެ އުސޫލުތައް ދަމަހައްޓާނެ ކަމަށެވެ.
އެމްއެމްއޭ އިން ޑޮލަރު ގަނެވިއްކުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް، ނުއަގުގައި ޑޮލަރު ގަނެ ވިއްކުމުގެ މައްސަލަ އިންތިހާ އަށް އިތުރުވެ، ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދިފައިވުމާ ގުޅިގެން އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.