މުޙުޞަނަކަށް ވެހުރެ ޒިނޭކުރި ކަން ސާބިތުވި އަންހެނަކު ރަޖަމްކުރުމަށް ގއ. ގެނަމަފުށީ މެޖިސްޓްރޭޓްކޯޓުން މިއަދު ކުރި ހުކުމް ހައިކޯޓްގައި އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ ރަޖަމްކުރުމުގެ އަދަބުގެ ހުކުމް އިއްވުނު މީހާއަށް ހުކުމްކޮށްފައި ވަނީ ކުރެވުނު ދައުވާގައި ބަޔާންކޮށްފައިވާ ކުށާ ގުޅިގެން ނޫން ކަމަށް ވާތީ ލިޔެކިއުންތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފައިވާ ކަމަށެވެ.

ކުރެވޭ ދައުވާގައި ބުނާ ކުށް ފިޔަވައި އެހެން ކުށަކަށް ޝަރީއަތުގައި އިއުތިރާފްވެފައިވާ ހާލަތުގައި އާއްމު އުސޫލަކީ އެ ކުށަށް އިއުތިރާފްވި މައްސަލަ ތަހުގީގު ކުރެވިގެން އަލުން އެކުށާ މެދު ދައުވާކުރުން ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

ގެނަމަފުށީ ކޯޓުން ބުނީ ކޯޓުން ބުނީ އުމުރުން 30 އަހަރަށް ވުރެ ދޮށީ އެ އަންހެން މީހާ ރަޖަމް ކުރުމަށް ކޯޓުން ހުކުމް ކުރީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުން ކަމަށެވެ.


އެ މާއްދާގައިވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ