18 Oct 2015, 19:48
އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބު ފަސްކުރަން އެއިދާރާއަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު ޒުހޫރު އަންގަވައިފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އިންތިޚާބު ފަސްކުރަން ކުޅިވަރާބެހޭ ވުޒާރާއިން އަންގާފައި މިވަނީ، އެފްއޭއެމްއާ ގުޅުންހުރި ކޮރަޕްޝަން މައްސަލަތަކެއް ހުށަހެޅިފައި ވާތީއާއި އެފްއޭއެމްގެ ގަވައިދަށް ގެނެސްފައިވާ ބަދަލުތަކަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު މިއަދު ސަންއަށް ވިދާޅުވީ، އެފްއޭއެމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހުރުމާއެކު އެ ކަންކަން ބެލުން އެއީ ކުޅިވަރާ ބެހޭ ވުޒާރާގެ ޒިންމާއެއް ކަމަށްވާތީ އެފްއޭއެމްގެ އިންތިޚާބު މިވަގުތަށް ފަސްކޮށްލުމަށް އެދިވަޑައިގެން އެ އިދާރާއަށް މިއަދު ސިޓީއެއް ފޮނުއްވާފައި ވާނޭ ކަމަށެވެ.
"އެފްއޭއެމްގެ މައްޗަށް ކުރެވޭ ބައިވަރު އެލެގޭޝަންސްތަކެއް އެބަހުރި. އެހެންކަމުން އެފަދަ ކަންކަން ބެލުމަކީ މިނިސްޓްރީގެ ޒިންމާއެއް،" މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.
ވަކިވަކި ފަރުދުންގެ ގޮތުގައި އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެފްއޭއެމްގެ ގަވައިދު ބަދަލުކޮށްފައިވާއިރު އެ އިންތިހާބްގައި މިފަހަރު ވާދަކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައެވެ.
އިންތިހާބުގައި ވާދަކުރުމަށް ވޯޓުލެވޭ 44 ކްލަބުގެ ތެރެއިން ފަސް ކުލަބުގެ ވޯޓު ހޯދަންޖެހޭނެ އެވެ. މީގެ ތެރެއިން ތިން ކްލަބަކީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ވާން ޖެހެ އެވެ.
ޔޫތު މިނިސްޓަރު ވިދާޅުވީ، އެފްއޭއެމުން އެ އިދާރާގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް ކުއްލިއަކަށް އިންތިޚާބު ބާއްވަން އުޅޭއިރު، ގަވާއިދަށް ގެނައި ބަދަލުތަކާ ބެހޭ މައުލޫމާތު އެ މިނިސްޓްރީއާ ވެސް އަދި ހޯމް މިނިސްޓްރީއާ ވެސް ހިއްސާކޮށްފައި ނުވާކަމަށެވެ.
"އެފްއޭއެމްގެ ގައިވައިދަށް އެންމެ ފަހުން ގެނައި ބަދަލުތަކާ ގުޅޭ މައުލޫމާތުވެސް މިނިސްޓްރީއާ ހިއްސާކޮށްފައެއް ނުވޭ. އަދި ހޯމް މިނިސްޓްރީއަށް ވެސް އެކަން އަންގާފައެއް ނުވޭ. އެސޯސިއޭޝަނެއްގެ ގަވާއިދަށް ބަދަލު ގެނެސްފި ނަމަ އެކަން، ހޯމް މިނިސްޓްރީއަށް އަންގަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެފްއޭއެމްއަށާއި މޯލްޑިވްސް އޮލިމްޕިކް ކޮމީޓީއަށް ސަރުކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދޭ ފައިސާ ބޭނުންކޮށްގެން އެފްއޭއެމްގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެ އިދާރާގެ ވެރީން މަސައްކަތް ކުރަމުންދާކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ، އޭސީސީއަށް މައްސަލައެއް ހުށަހަޅައިފައެވެ. އަދި އެފަދަ މައްސަލައެއް ބަލަމުން ދާކަމަށް އޭސީސީންވެސް ވަނީ ބުނެފައެވެ.
މިނިސްޓަރު ޒުހޫރު ވިދާޅުވީ، މުޅި މުޖްތަމައާ ގުޅުންހުރި މިފަދަ ކަންކަމުގައި އެ މިނިސްޓްރީން ބަލަންޖެހޭ ކަންކަން ޒިންމާދާރު ކަމާއެކު ބައްލަވާނޭ ކަމަށާއި އެހެންކަމުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް އެ އިދާރާއަށް އަންގަވާފައި ވާނޭ ކަމަށެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ.
ޝަވީދު އޭނާގެ ދެ ނައިބުންގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ، ކުރިން ގައުމީ ޓީމަށް ކުޅުނު އަދި މިހާރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ މެމްބަރު އަލީ އުމަރާއި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ މުޙައްމަދު ހާނިމްގެ ނަމެވެ.
އެފްއޭއެމުން މިއަދު މީޑިއާއަށް ހިއްސާކުރި ލިސްޓުގައި އެއިދާރާގެ އެކްސްކޯއަށް ޝަވީދުގެ ފަރާތުން ހުށަހަޅާފައިވާ ހަ މެމްބަރުންނަކީ އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ޝަކީބް އާއި އޭއެފްސީ ވިމެންސް ކޮމިޓީގެ މެމްބަރު މަރިޔަމް މުހައްމަދު (މާޔަން) އާއި ބެންކް އޮފް މޯލްޑިވްސްގެ ކުރީގެ މާކެޓިން ޑައިރެކްޓަރ އައިޝަތު ޒަމްރާ ޒާހިރު އާއި ހައްސާން ހަމީދު އާއި ހަސަން މުހައްމަދު އަދި މުހައްމަދު ޝިނާން (ނާނި) އެވެ.