18 Oct 2015, 19:18
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުލުސް އޮފީހުގައި ފަސް ގަޑިއެއްހާއިރު ހޭދަކުރުމަށް ފަހު އެނބުރި ގެއަށް ވަޑައިގެންފި އެވެ.
ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ.
ފުލުހުންގެ އިދާރާ ހިމެނޭ ސަރައްދަށް ނޫސްވެރިން ވަނުން މަނާކޮށްފައިވާތީ އެ ސަރަހައްދުން އޭނައާ އިންޓަވިއު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
ޒިޔަތު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގަތީ ބޮޑުތަކުރުފާނު މަގަށްވާގޮތަށް ހުންނަ ދޮރުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޫސްވެރިންނަށް އެ ސަރަހައްދަށް ނުވަދެވޭނެ ކަމަށާއި ނޫސްވެރިން ތިބެންޖެހޭނީ އެމްއެމްއޭ ސަރަހައްދުގައި ޖަހާފައި ހުރި ބެރިކޭޑު ފަހަތުގައި ކަމަށެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި އެސްއޯ ފުލުހުން ބުނީ ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ބިދޭސީންނަށް ކަމަށާއި އެއްވެސް ދިވެހި ރައްޔިތަކަށް އެ ސަރަހައްދުގައި މަޑު ނުކުރެވޭނެ ކަމަށެވެ.
ޒިޔަތު މިއަދު ހާޒިރު ކުރީ ކޮން މައްސަލައަކާ ގުޅިގެންތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހާޒިރުކޮށްފައި ވަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
"ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އެ މައްސަލައިގެ ތަފްސީލު އަދި ހާމަކުރެވެން ނެތް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފައެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށްފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފައެވެ.
އެމްއެމްޕީއާރްސީގެ އޮފީސް ވެސް ހޮނިހިރު ދުވަހުގެ ރޭ ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފައެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެއެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވާތީއެވެ.