ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ޔޫތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތައް އޮޅޭފަދަ ގޮތަކަށް އެފްއޭއެމުން ވާހަކަ ދައްކާކަމަށް ބުނެ ޔޫތު މިނިސްޓްރީން މިއަދު ބަޔާނެއް ނެރެފައި ވާތީ އެފްއޭއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އައްޑުއާއި ކުޅުދުއްފުށީގައި މިފަހަރު ބޭއްވި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ހަރަދުކުރުމަށް 2.7 މިލިއަން ރުފިޔާ ބޭނުންވާކަމަށް އެފްއޭއެމުން ހުށަހެޅުމުން އެ ފައިސާ އެފްއޭއެމާ ހަވާލުކޮށްފައި ވާ ކަމަށެވެ. އަދި އޭގެ އިތުރުން އައްޑޫ ސްޓޭޑިއަމާއި ކުޅުދުއްފުށީ ސްޓޭޑިއަމްގެ އެންމެހާ އިންތިޒާމްތަކާއި މެޗުތައް ލައިވްކުރުމަށް ކުރެވުނު ހަރަދުތައްވެސް މިނިސްޓްރީން ހަމަޖައްސައިދީފައި ވާކަމަށެވެ.

"ޕްރެޒިޑެންޓް ކަޕްގެ މި ޚަރަދަކީ އެފްއޭއެމުން ކޮށްފައިވާ ޚަރަދުތަކެއްކަމަށް ދޭހަވާފަދަ އިބާރާތަކުން ލިޔެފައިވާތީ އެ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމުގައިވެސް ދަންނަވަމެވެ. އަދި މިފަދަ މައުލޫމާތު ހާމަކުރާއިރު ރައްޔިތުންނަށް ހަގީގަތް ނޯޅޭގޮތަށް ތެދު މައުލޫމާތު ފެތުރުމަށް ވެސް މިފުރުސަތުގައި ދަންނަވަމެވެ." ޕްރެޒިޑެންޓް ކަޕަށް ކުރި ހަރަދުތަކާ ގޮތުން އެފްއޭއެމުން "އަވަސް" ނޫހަށް މައުލޫމާތު ދިނުގައި އޮޅުވާލުންތަކެއް ވާތީ ހިތާމަކުރާ ކަމަށްބުނެ ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ޔޫތު މިނިސްޓްރީގެ ބަޔާނާ ގުޅޭ ގޮތުން އެފްއޭއެމުން މިއަދު ބުނީ، "ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ދަށުން މުޅި ރާއްޖޭގައި ހިންގޭ އެންމެހައި ފުޓްބޯޅައިގެ ހަރަކާތްތަކުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ހިއްސާއާއި ޕްރޮފެޝަނަލިޒަމާ ޚިލާފަށް ދިވެހިރާއްޖޭގެ ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މި އެސޯސިއޭޝަން ބަދުނާމުވާގޮތަށް އެފަދަ ނޫސްބަޔާނެއް ނެރުމަކީ މި އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް،" ކަމަށެވެ.

އެފްއޭއެމުން ބުނީ، އެ އެސޯސިއޭޝަނުން ފުޓްބޯޅައިގެ ކަންކަން ތަންފީޒުކުރުމުގައި އަބަދުވެސް ދިވެހި ސަރުކާރާއި ޔޫތު މިނިސްޓްރީގެ ފުރިހަމަ މަޝްވަރާއާއި އެއްބާރުލުން ހޯދާ ކަމަށެވެ.

މީގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަކީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއެކު ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ މުބާރާތެއް ކަމަށްވެސް އެފްއޭމުން ބުންޏެވެ.