ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާގެ ބޭފުޅުންނާ ބައްދަލު ކުރުމަށް ހަފްތާއަކު އެއްފަހަރު ދެ ގަޑިއިރަށް ވުރެ މަދުނުވާ ގޮތަށް ވަގުތު ދިނުމަށް ސިވިލްކޯޓުން ދައުލަތަށް އަންގައިފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުނުކުރެވިގެން ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތަށް ނުގޮސް ސުލްހަވެރި ހައްލެއް ހޯދުމަށް ބޭއްވި މަޝްވަރާގެ ދެވަނަ ބައްދަލުވުމަށް ފަހު އެވެ. ސިވިލް ކޯޓުގައި މިއަދު އެކެއްޖަހާއިރު ބޭއްވި، އެ މަޝްވަރާ ބައްދަލުވުމަށް ރައީސް ނަޝީދު ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ރައީސް ނަޝީދާ ބައްދަލުކުރުމަށް އެދި ހުށަހަޅާ އާއިލީ ބޭފުޅުންގެ ތެރެއިން އެމަނިކުފާނުގެ އަނބިމީހާ ދަރިން އަދި މައިންބަފައިންގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނަށް ވެސް ފުރުސަތުދޭން ޖެހޭނެ ކަމަށެވެ. އަދި ނަޝީދުގެ މަންމަ އަދި ބައްޕަ ފަރާތު ބޮޑުދައިތައިންނާއި ބޮޑު ބޭބެއިންގެ އިތުރުން ކަރެކްޝަންސްއިން ހުއްދަދޭ ފަރާތްތަކަށް ވެސް ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ކޯޓު ހުކުމުގައި ބުނެފައިވެ އެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ދެގަޑިއިރަށް ވުރެ މަދުނުވާ ގޮތެއްގައި ބައްދަލުކުރާ މީހުންގެ އަދަަދު ހަތް މީހުންނަށް ވުރެ އިތުރު ނުވާނެހެން ނަޝީދާ ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް ވެސް ކޯޓުން ދައުލަތަށް ވަނީ އަންގައިފަ އެވެ. ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ ޝަރީއަތަކަށް ނުގޮސް މައްސަލަ ނިންމުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެއްބަސްވުމަކަށް އާދެވުނުގޮތަށް ކަމަށެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.