18 Oct 2015, 16:23
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޕްރީސްކޫލުތަކުގެ ގްރޭޑް އެކަކަށް 2،200 ކުދިން ވަނުމަށް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިޔާމު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ސްކޫލު ކުދިންގެ އެޑްމިޝަން އާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލުތަކަށް ކުދިން ވެއްދުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހު ފަށާފައިވާ ކަމަށެވެ.
"މި އަހަރުގެ ޖުލައި މަހުގައި ސްކޫލުތަކަށް ކުދިން ވެއްދުމުގެ މަސައްކަތް ވަނީ ފަށާފައި. އެގޮތުން އަންނަ އަހަރު ގްރޭޑް އެކަކަށްދާ ކުދިން ވަންނާނެ ސްކޫލުތައް ވެސް މިހާރު ވަނީ ހަމަޖެއްސުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި. އެހެން ކަމުން އަންނަ ހަފްތާގައި ބެލެނިވެރިންނަށް އެ ދަރިވަރަކު ވަންނަ ސްކޫލުގެ މައުލޫމާތު ލިބިގެން ދާނެ،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
ގްރޭޑް ހަތަކުން ގްރޭޑް އަށަކަށް އަންނަ އަހަރު 1،850 ދަރިވަރުން ބަދަލުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން އަހަރުތަކާ ހިލާފު ދަރިވަރުންގެ ސްޓްރީމް ހަމަޖެއްސުމުގެ މަސައްކަތް މި އަހަރު ވަނީ އޯގަސްޓު މަހުގައި ފަށައިފަ އެވެ. އެހެން އަހަރުތަކުގައި ދަރިވަރުން ސްޓްރީމްތައް ނަގާނީ ނޮވެމްބަރު މަހުހާ ހިސާބުގަ އެވެ.
ދަރިވަރުން ގްރޭޑް އަށަކަށް ބެހުމުގެ މަސައްކަތް މިހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ ސްކޫލަށް ދަރިވަރުންތައް ވެއްދުމުގެ މަސައްކަތް ނިންމުމަށް ފަހު އަތޮޅުތަކުން މާލެ އަންނަ ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް އެވަރެޖުކޮށް 900 ވަރަކަށް ދަރިވަރުން އަތޮޅުތަކުން މާލެ އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު އެ ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައި ހުންނާނެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށެން ތައްޔާރުވާ އިރު ސްކޫލުތަކަށް ދަރިވަރުން ބަދަލުކޮށް ވެއްދުމުގައި ބައެއް ސްކޫލުތަކަށް ބާރު ބޮޑުވެ އެވެ. އެގޮތުން މި އަހަރު އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލަށް ބާރު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.