18 Oct 2015, 15:40
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުންގެ މުސާރަ މުރާޖާކޮށްދެވެން ނެތް ކަމަށް ރައްޔިތުން މަޖިލީހުން އަންގައިފިއެވެ.
އެމްއެމްސީގެ މެމްބަރުންގެ މުސާރަ މުރާޖާ ކޮށްދިނުމަށް އެދި އެ ކައުންސިލުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެދުމުން އެ ކޮމެޓީއިން ނިންމާފައި ވަނީ އެ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އަލުން މުރާޖާ ކުރުމަށް ނުފެންނަ ކަމަށެވެ.
މީޑިއާތައް މެދުގައި ބާއްވާ އިންތިހާބަކުން ހޮވާ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލްގެ މެމްބަރުންނަށް މުސާރާގެ ގޮތުގައި މިހާރު ލިބެނީ މަހަކު 5000 ރުފިޔާ އެވެ. އެ ކައުންސިލްގެ މެމްބަރުންނަކީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ބައެކެވެ.
އެމްއެމްސީގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ މުސާރަ މުރާޖާކޮށްދިނުމަށް އެ ދުނީ އެކައުންސިލް އިން ކުރާ މަސައްކަތާއި ލިބޭ މުސާރައާ ނުބައްދަލުވުމުނެވެ. އެ ކައުންސިލްއަކީ ކޮންމެ ހަފްތާއަކު ބައްދަލުވެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކައުންސިލްއަކަށް ވުމުން ކުރާ މަސައްކަތާއި މިހާރު ލިބޭ އުޖޫރަ ނުބައްދަލު ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްއަކީ ރާއްޖޭގެ މީޑިއާތައް މިނިވަންކަން މަތީ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތްކުރަން 15 މެމްބަރުންގެ މައްޗަށް އެކުލެވޭގޮތަށް އިންތިޚާބުކޮށްފައިވާ ކައުންސިލެކެވެ.