ރާއްޖެ އަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ބަނގުރަލާއި އޫރުމަހުގެ ބާވަތްތަކުގެ އިތުރުން ޕްލާސްޓިކްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ކެބިނެޓުން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމަށް ކެބިނެޓުން ނިންމެވީ މިއަދު ބޭއްވި ކެބިނެޓުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފައި ވަނީ ޕްލާސްޓިކްގެ ބައެއް ބާވަތްތަކުންނާއި ރާއްޖެ އަށް އެތެރެކުރާ އޫރުމަހާއި ކާން ބޭނުންކުރާ އޫރުގެ ބައިތަކުންނާއި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތަކުން ނަގާ ޑިއުޓީ 100 ޕަސަންޓުން ބޮޑުކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ރޭޓް، 200 ޕަސަންޓުން އިތުރުކުރުމަށް ނިންމައިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

މީގެ އިތުރުން ކިރުގެ ބާވަތްތަކުން ނަގާ ޑިއުޓީން، 15 އިންސައްތަ ކުޑަކުރުމަށް ވެސް ނިންމައިފައިވެ އެވެ.

ރައީސް އޮފީހުން ބުނީ، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް، މި އިސްލާޙުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމަވައިފައިވާ ކަމަށެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މާލޭގައި ނުނިމި ހުރި އިމާރާތްތަކުގެ މައްސަލައަށް ވަޒީރުން ވާހަކަފުޅުދެއްކެވުމަށް ފަހު، އެފަދަ އިމާރާތްތައް ނިންމުމަށް ސަރުކާރުން ކަނޑައަޅާ ވަކި އުސޫލަކުން ދައުލަތުގެ ގެރެންޓީއެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

"މިގޮތަށް ނިންމެވީ، މާލޭގައި ވަރަށް ގިނަ ގޭގެ، އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ އިރު، ބައެއް އިމާރާތްތަކަށް މާލީގޮތުން ދިމާވެފައިވާ ދަތިތަކާ ހެދި، މި އިމާރާތްތައް ނުނިމި، އިޖްތިމާއީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވަމުންދާކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވުމަށް ފަހު ގައެވެ." ރައީސް އޮފީހުން ބުންޏެވެ.

އަދި މާލެއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ފަހިމަގެއް ހޯއްދައިދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް ސަރުކާރުން ލޯން ގެރެންޓީ ކޮށްދޭ ގޮތަށް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެކަމުގައި އަމަލުކުރާނެ އުސޫލު، ހައުސިން މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރުމަށް ވެސް މިއަދުގެ ޖަލްސާ އިން ނިންމެވި އެވެ.

އެކަންކަމުގެ އިތުރަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލު ކުރުމުގައި މުއާމަލާތް ކުރުމަށްޓަކައި ޔޫތު މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ގަވާއިދަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

އެ ގަވާއިދަށް ގެންނަން ފެންނަ އިސްލާޙުތައް ގެންނައުމަށް ފަހު އެ ގަވާއިދު ވަރަށް އަވަހަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެއްވުމަށް މިއަދުގެ ޖަލްސާއިން ނިންމެވި އެވެ.

އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި ރާއްޖެ އިން ބައިވެރިވުމަށް ވެސް މިއަދުގެ ޖަލްސާ އިން ނިންމެވި އެެވެ.