19:00


މަޝްހޫރު އާރް އެންޑް ބީ ލަވަކިޔުންތެރިޔާ އޭކޮން ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވާ ޝޯ ވަކި މުއްދަތެއް ނެތި ފަސްކޮށްފި އެވެ.


ސުޕަފެސްޓް އޭކޮން-ލައިވްގެ ނަމުގައި، މާލޭ ކްރިކެޓް ސްޓޭޑިއަމްގައި، މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯ އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ ޝޯ ފަސްކުރަންޖެހުނީ ޝޯ އަށް ބޭނުންވާ ސްޓޭޖްތަކާއި ލެޑް ޕެނަލްތައް ފަދަ ތަކެތި އަދިވެސް ރާއްޖެ ގެނެވިފައިނުވާތީ ކަމަށެވެ. އަދި މިޝޯ ފަހުގެ ތާރީޚެއްގައި ބާއްވާނެ ކަމަށާއި ނަމަވެސް ޝޯ އަލުން ޝެޑިއުލްކުރުމަށް ގާތްގަނޑަކަށް ހަ ހަފްތާވަރު ނަގާނެ ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.


މި ޝޯގެ ޓިކެޓެއް ވިއްކަމުންދިޔައީ 500 ރުފިޔާ އާއި އެއްހާސް ރުފިޔާ އަށެވެ.


ޝޯ އިންތިޒާމްކުރާ ޕްލެޓިނަމް އެންޓަޓެއިންމަންޓުން ބުނީ އެއް ލައްކަ ޔޫއެސް ޑޮލަރުގެ އަގުހުރި ތަކެތި މި އިވެންޓަށް ޚާއްސަކޮށްގެން މިހާރު ވެސް ވަނީ ރާއްޖެ ގެނެސްފައި ކަމަށެވެ. އަދި އެއީ މި ޝޯ ކޮންމެ ގޮތަކުން ވިޔަސް ބާއްވާނެކަމުގެ ހެއްކެއް ކަމަށާއި އެހެން ނަމަވެސް ރީފަންޑެއް ބޭނުންވާ ފަރާތްތަކުން ހައިރައިޒް އޮފީހާ ގުޅާލުމުން އެކަންތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ޕްލެޓިނަމް އެންޓަޓައިންމެންޓުން ބުނެ އެވެ.


އޭކޮންގެ ޝޯ ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ހަމަޖެހިފައި މިވަނީ ކުރީގެ މަޝްހޫރު މިއުޒިކް ގްރޫޕް ބޮނިއެމް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސެޓް ވެސް ފަސްކުރިތާ މާ ގިނަ ދުވަހެއްނުވެ އެވެ. އަދި ބައެއް މަދަނީ ޖަމިއްޔާތަކުން އޭކޮން ޝޯ ބޭއްވުމާ ދެކޮޅަށް އަޑު އުފުލާފައި ވެސް ވަނިކޮށެވެ.