18 Oct 2015, 16:18
އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްޠަފާ މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަކަރާއީ ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.
މުސްތަފާގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އަނބުރާ ގެންގޮސް އަލުން ދައުވާ އުފުލާފައި ވަނީ ދައުވާ ބަދަލުކުރުމަށް ފަހު އެވެ.
މުސްތަފާގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ މީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ. އަދި ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ދެއްކި މީހުން ހައްޖަށް ގެންގޮސް ނުދިނުމުން ސަރުކާރުން އެ މީހުން ހައްޖަށް ފޮނުވަން ޚަރަދުގެ ގޮތުގައި ހިނގި 6.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުސްތަފާ އަތުން ހޯދުމަށް ވެސް ދައުލަތުން މިއަދު ވަނީ ކޯޓުގައި އެދިފައެވެ.
މުސްތަފާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރުން ދިން ކޯޓާ އަށް ވުރެ އިތުރަށް 72 މީހެއްގެ އަތުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު އޮޅުވާލައިގެން ނަގާފައިވާ ކަމަށް ބުނެ އެވެ. އަދި އެ ފައިސާތައް ހޯދުމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން މުސްތަފާ ނެގި ފައިސާގެ ޖުމްލަ އަދަދަކީ 10.7 މިލިއަން ރުފިޔާ އެވެ.
މުސްތަފާގެ ވަކީލު ވިދާޅުވީ މުއާ މަލާތަކީ މަދަނީ މުއާމަލާތެއް ކަމަށާއި، ފައިސާ ނެގި މަދަނީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެހެންކަމުން މަދަނީ މުއާމަލާތެއްގެ ޖިނާއީ ދައުވާއެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި 72 މީހުންގެ ތެރެއިން 40 މީހެއްގެ އަތުން ނެގި ފައިސާ އަނބުރާ ދައްކާފައިވާނެ ކަމަށް ވެސް މުސްތަފާގެ ވަކީލު ވިދާޅުވި އެވެ.
އެ ދެ ދައުވާއަށް މުސްތަފާވަނީ އިންކާރުކޮށްފަ އެވެ. އަދި ވިދާޅުވީ އެއްވެސް މީހަކު ހައްޖަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަމެއް ދީފައި ނުވާނެ ކަމަށެވެ.
ގާޒީ ބާރީ ވިދާޅުވީ 72 މީހުންގެ ފަރާތުން ފައިސާ ދެއްކި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް، އެ ފަރާތްތަކުގެ ބަސް ހޯދާނެ ކަމަށެވެ. މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނީ އެ ފަރާތްތަކުގެ ބަހެއް ހޯދައިގެން ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ނުގެންދިޔަ މައްސަލާގައި ފުލުހުން މުސްތަފާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ފުލުހުން ވަނީ މުސްތަފާ ދޫކޮށްލާފަ އެވެ.
ފަތުހު ޖަމާއަތަށް ސަރުކާރުން ދޫކުރި 125 މީހުންގެ ކޯޓާ އަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައިނުވުމުން އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި ވަނީ ހައްޖަށް ފޮނުވާފައެވެ.
ފައިސާ ދެއްކި މީހުންގެ ތެރެއިން 72 މީހަކު ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވިކަމެއް އަދި ނުފޮނުވާކަން ވެސް ކަށަވަރެއް ނުވެއެވެ.