ކާންޔޭ ވެސްޓުގެ އިތުރުން ކުރީގެ މަޝްހޫރު އެކްޓްރެސް ލިންޑްސޭ ލޯހޭން ވެސް 2020 ވަނަ އަހަރު އެމެރިކާގެ ވެރިކަމަށް ކުރިމަތިލާނެ ކަމަށް އޭނާ ބުނެފިއެވެ.

ލޯހަން އިންސްޓަގްރާމަށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ވެރިކަމަށް ފަހަރެއްގައި ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ. އަދި ވެސްޓް ޓެގް ކުރުމަށްފަހު ކުރި ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެކަމަކީ ދެމީހުންނަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

އުމުރުން 29 އަހަރުގެ ލޯހަން 2020 ވަނައަހަރުގެ ވެރިކަމަށް ކުރިމަތިލާ އިރު އޭނާގެ އުމުރުން ވާނީ 34 އަހަރެވެ. ނަމަވެސް އެމެރިކާގެ ވެރިކަމަށް ކުރިމަތިލުމަށް އެންމެ ދަށްވެގެންވެސް 35 އަހަރު ފުރިފައިވުން ލާޒިމުކުރެއެވެ. އެހެން ކަމުން ލޯހޭން ވެރިކަމަށް ކުރިމަތިލާނެ ގޮތަކާ މެދު ޝައްކު އުފެދެއެވެ.

ލޯހަން އަކީ ކުޑަ އުމުރުގައި މަޝްހޫރުކަން ހޯދާ ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓު ލިބިފައިވާ އެކްޓްރެސް އެކެވެ. ނަމަވެސް ޑްރަގް އެޑިކްޓަކަށް ވުމާއެކު ގިނަ ގާނޫނީ ކުށްތައް ކުރަން ފެށުމާއެކު އޭނާއަށް ސަޕޯޓުވަނީ މިހާރު ގެއްލިފައެވެ.

އެމެރިކާގެ 2020 ވެރިކަމަށް ހޮލީވުޑްގެ ދެ މަޝްހޫރު ފަންނާނުން ކުރިމަތި ލުމަކީ ވަރަށް ގިނަ ބައެއްގެ މަލާމާތްތައް ކުރިމަތިވާ ކަމެކެވެ. އެގޮތުން ކާންޔޭ ވެސްޓް ވެރިކަމަށް ކުރިމަތިލާނެ ކަމަށް ބުނެފައިވަނީ ވީއެމްއޭ ހަފްލާގެ ތެރެއިންނެވެ.

ކާންޔޭ ވެސްޓް އެމެރިކާގެ ވެރިކަމަށް ކުރިމަތިލާން ނިންމުމާ ގުޅިގެން ގައުމުގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ވަނީ ފާޑު ވިދާޅުވެފައެވެ. އޭގެއިތުރުން ވެރިކަމާ ކުރިމަތިލުން ސީރިއަސް ނަމަ އެކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ނަސޭހަތް ދެއްވާފައެވެ.

"ވެރިކަމާ ކުރިމަތިލުމަކީ ސީރިއަސްކޮށް ކުރަން ބޭނުންވާ ކަމެއް ނަމަ އަޅުގަނޑު އެބައޮތް ކުޑަ ނަސޭހަތެއް. އެގޮތުން ވެރިކަމާ ކުރިމަތި ލުމުން ވަރަށް ފާޑު ފާޑުގެ ކެރެކްޓަރުގެ މީހުންނާ ދިމާވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.