18 Oct 2015, 12:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީ އިން ދިރާގު ކަންމަތީގައި ކުރަމުން އަންނަ މުޒާހަރާ، ދުވާރު މަތީގައި ތިބެގެން ކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ނަޝީދާއި ސިޔާސީ ކުށްވެރިން ދޫކޮށްލަން ގޮވާލައި އެމްޑީޕީން ރޭ އެ ސަރަހައްދުގައި ކުރި މުޒާހަރާ ވެސް ދުވާރު މައްޗަށް ފުލުހުން ވަނީ ޖައްސައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއީލު އަލީ މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް އެންގީ އެ ސަރަހައްދަކީ ވަރަށް ޚާރުބާރު ބޮޑު ސަރަހައްދަކަށްވެފައި، އެ ސަރަހައްދުގެ މަގުމަތީގައި މުޒާހަރާ ކުރުމުން ހިނގާ ބިނގައިވެ އުޅޭ މީހުންގެ އިތުރަށް ދަތުރު ފަތުރަށް ވެސް ބޮޑު ބުރުލެއް އަރާތީ ކަމަށެވެ. އެ ސަބަބާ ހުރެ އޭނާ ވިދާޅުވީ އެ ސަރަހައްދުގައި މުޒާހަރާ ކުރާ ނަމަ ދުވާރު މަތީގައި ތިބިގެން މުޒާހަރާ ކުރުމަށް އެެދޭ ކަމަށެވެ.
"އެ ސަރަހައްދުގައި މުޒާހަރާ ކުރާ ނަމަ ދުއްވާ އެއްޗިއްސާއި ހިނގައި ބިނގާވެ އުޅޭ މީހުންނަށް ދަތިނުވާނެ ގޮތަށް، އެއްވެ އުޅުމަށް ވާނީ އަންގާފައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީ އިން ރޭ ކުރި މުޒާހަރާ، ދުވާރު މައްޗަށް ޖައްސަން ފުލުހުން އުޅުމުން މުޒާހަރާ މީހުންނާ ދެމެދު ހަމަނުޖެހުން އުފެދި، ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި ދެ މީހަކު ހައްޔަރު ކުރި އެވެ.