18 Oct 2015, 12:34
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް 50 ގޮޑީގެ އިތުރު މަތިންދާ ބޯޓެއް މިއަދު ގެނެސްފި އެވެ.
މިއީ އެ ކުންފުނީގެ ފްލީޓަށް އިތުރުވި 16 ވަނަ މަތިދާންދާ ބޯޓެވެ.
މޯލްޑިވިއަން އަށް މިއަދު ގެނެސްފައި ވަނީ ޑޭޝް8 މަރުކާގެ 50 ގޮނޑީގެ މަތިންދާ ބޯޓެކެވެ. އެ ބޯޓް މިއަދު 11:10ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ޖައްސާފައިވާ އިރު މަރުހަބާ ކިޔާފައި ވަނީ އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވީ އަލަށް ގެނައި ބޯޓް ބޭނުންކުރާނީ ރާއްޖޭގެ ނުވަ އެއާޕޯޓްގެ އިތުރަށް އިންޑިއާގެ ޓުރިވަންޑުރަމް އަށް ދަތުރުކުރުމަށް ކަމަށެވެ.

އާ ބޯޓާ ގުޅޭ ގޮތުން ހާރިޝް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"މިއާ އެކު އުންމީދު ކުރަނީ މިހާރު ދެމުންދާ ހިދުމަތްތައް މިހާރަށް ވުރެ އެތައް ތަނަށް މީގެން ރަނގަޅު ވެގެން ދާނެ ކަމަށް." ހާރިޝް ވިދާޅުވި އެވެ.
މިއީ އިސްލާމިކް ފައިނޭންސް ބޭނުންކޮށްގެން މޯލްޑިވިއަންއަށް ގެނައި ފުރަތަމަ ބޯޓް ކަމަށާއި އެ ބޯޓު ކުންފުނީގެ ފްލީޓަށް އިތުރުވުމުން ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ހުޅުވިގެންދާނެ ކަމަށް ހާރިޝް ވިދާޅުވި އެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 400 އަށް ވުރެ ގިނަ ވަޒީފާ އިތުރު ކުރެވިއްޖެ ކަމަށް ވެސް ހާރިޝް ވިދާޅުވި އެވެ.

މިއަދު އަލަށް ގެނައި ބޯޓާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އަދަދު 16 އަށް އަރާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އެއާބަސް A320 ބޯޓަކާއި އެއާބަސް A321 ބޯޓަކާއި އަށް ޑޭޝް8 މަތިންދާ ބޯޓާއި ހަ ޓުވިން އޯޓާ ބޯޓެވެ. އެ ބޯޓުތަކުގެ ތެރޭގައި އަށް ބޯޓަކީ 50 ގޮނޑީގެ ބޯޓުފަހަރެވެ.