ރާއްޖޭގައި ގޭންގު ކުށްތައް އިންތިހާއަށް އިތުރުވެ، އެކިއެކި ގޭންގްތަކަށް ނިސްބަތްވާ މީސްމީހުންގެ ފަރާތުން މުޖްތަމައުގެ އާންމު މަސްލަޙަތާއި އަމާންކަން ނަގާލައި، ރައްޔިތުންގެ މުދާ ފޭރި، މީހުންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ރާއްޖޭގެ ފުލުހުންނަށް ލެސް ލީތަލް ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ފުލުހުންނަށް ލެސް ލީތަލް ހަތިޔާރު ނުވަތަ ފުރާނައަށް ނުރައްކާ ކުޑަ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ނިންމެވީ، މިކަމާ ބެހޭގޮތުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، "މިފަދަ ކުށް ކުރުން ހުއްޓުވުމަށްޓަކައި ފުލުހުން މިހާރު ބޭނުންކުރާ ބާރުތަކަކީ، ކުށްކުރާ މީހުން ބޭނުންކުރަމުންދާ ހަތިޔާރުތަކަށް ބަލާއިރު، މިހާރުގެ ހާލަތަށް އެކަށޭނަ މިންވަރެއް ނޫންކަން" ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އަދި ފުލުހުންނަކީ، ގައުމުގެ އެތެރޭގެ ސަލާމަތަށާއި ރައްކާތެރި ކަމަށާއި، ދިވެހިރާއްޖޭގެ އިގުތިސާދު ސަލާމަތްކޮށް ދެމެހެއްޓުމަށް ގާނޫނީ ޒިންމާތަކެއް އަދާކުރަންޖެހޭ ބަޔަކަށްވީހިނދު، ގާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، އެފަދަ ބާރުތައް ބޭނުންކުރުމުގެ ގާބިލުކަން ޑިމޮކްރެޓިކް އުސޫލުތަކުން ވެރިކަން ހިންގާ ޤައުމުތަކުގައި ފުލުހުންނަށް ލިބިދިނުމަކީ، ގައުމީ ސަލާމަތަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ." ރައީސް އޮފީހުން ބުންޏެވެ.

މި ނިންމެވުމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ކޮންބާވަތެއްގެ ލެސް ލީތަލް ވެޕަންތަކެއް ނުވަތަ ލުއި ހަތިޔާރުތަކެއް ބޭނުންކުރުމަށް ކަމަށް ވެސް އަދި ނޭގޭ ކަމަށެވެ.

ލެސް ލީތަލު ހަތިޔާރުތަކުގެ ތެރޭގައި މިހާރުވެސް އެކި މުޒާހަރާތަކުގައި ފުލުހުން ބޭނުންކުރާ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ހިމެނެ އެވެ. އަދި އޭގެ އިތުރު ބާވަތްތަކުގެ ތެރޭގައި ސްޓަން ގަން އާއި ކަރަންޓުދޭ ބަޑިއާއި މުގުރު އަދި ރަބަރު އުންޑަ ފަދަ އެއްޗެހިވެސް ހިމެނެ އެވެ.

ރާއްޖޭގައި ގޭންގުކުށްތައް އިތުރުވަމުންދާ މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ އެކަން ހުއްޓުވުމަށް އިއްޔެ ހާއްސަ ކޮމިޓީއެއްވެސް އެކުލަވައިލައިފަ އެވެ. އެކޮމިޓީން ވަނީ އެފަދަ ކުށްކުރާ ފަރާތްތައް ހުއްޓުވުމަށް ޓާސްކް ފޯސް އެއް އެކުލަވައިލުމަށް ނިންމައިފަ އެވެ. އެ ޓާސްފޯސްގެ ލީޑް އޭޖެންސީއަކީ މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.