18 Oct 2015, 11:56
މިސްރުގެ ގާނޫނު ހަދާ މަޖިލިސް ކޯޓް އަމުރެއްގެ ދަށުން 2012 ވަނަ އަހަރު އުވާލުމަށް ފަހު އެންމެ ފުރަތަމަ ބާއްވާ އާންމު އިންތިހާބުގެ ވޯޓުލުން މިއަދު ފަށާނެ އެވެ.
ދިނަ ދުވަސްތަކަކަށް ފަހު މިސްރުގައި ގާނޫނު ހަދާ މަޖިލީހެއް އެކުލަވާލެވޭ ގޮތްވުމަކީ އެ ގައުމުގެ ޑިމޮކްރަސީ އަށް ލިބުނު ކުރިއެރުމެއް ކަމަށް ގިނަބަޔަކު ދެކެ އެވެ. މިއަދު ބޭއްވޭ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ގިނައިން ވާދަކުރައް ވަނީ ރައީސް އަބްދުލް ފައްތާހު އައްސީސީ އަށް ތާއީދުކުރައްވާ ބޭފުޅުންނެވެ. އެހެންކަމުން މަޖިލިސް އެކުލަވާލިޔަސް މަޖިލީހުގައި އޮއްނާރީ ރައީސް ސީސީގެ ބާރެވެ.
މިސްރުގައި މިއަދު ވޯޓުލުން ފެށި ނަމަވެސް އަމާން އާއި ޖޯޑާންގައި ދިރިއުޅޭ މިސްރުގެ ރައްޔިތުން އިއްޔެ ވަނީ ވޯޓުލާން ފަށާފަ އެވެ.

ޖޯޑަންގައި ދިރިއުޅޭ މިސްރު އަންހެނަކު ވޯޓުލަނީ -- ފޮޓޯ --އޭޕީ
އިންތިހާބާ ދިމާކޮށް މިސްރުގެ ސެކިއުރިޓީ ވަރުގަދަކޮށް 185000 ފުލުހުން އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަމަށް އިޖިޕްޓް ނިއުސް އެޖެންސީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. މިއަދު ބޭއްވޭ އިންތިހާބުގައި ހުރިހާ ބޭފުޅުން ވެސް ވޯޓުލެއްވުމަށް ގޮވާލާ ސީސީ ވިދާޅުވީ މިސްރަށް ފާހަގަތި ކުރިމަގަކަށް އެދޭ ކަމަށެވެ.
ދެބުރަކަށް ވޯޓުލުން ބާއްވާ އެ އިންތިހާބުގެ ނަތީޖާ ލިބޭނީ އެންމެ އަވަހަށް ވެސް ޑިސެމްބަރު މަހު އެވެ. އެ އިންތިހާބުގައި ޖުމްލަ 596 މެންބަރުން އިންތިހާބު ކުރާނެ އެވެ.
ކޯޓު އަމުރެއްގެ ދަށުން އުވާލި މިސްރުގެ ގާނޫނު ހަދާ މަޖިލީހުގައި އޭރު މެޖޯރިޓީ އޮތީ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ މުސްލިމް ބްރަދާހުޑް ޕާޓީ އަށެވެ.