ބާސެލޯނާއަށް ކުޅެމުން އަންނަ ހުނަރުވެރި ޒުވާން ފޯވާޑް ނެމާ ހޯދުމަށް އިގިރޭސި ކުލަބް މެންޗަސްޓާ ޔުނައިޓެޑުން މި އަހަރުގެ ކުރީކޮޅު މަސައްކަތް ކޮށްފައިވާ ކަމަށް ނޭމާގެ ބައްޕަ ބުނެފިއެވެ.

ބްރެޒިލްގެ ޓްރޭޑް ފޮކްސް އަށް ދިން އިންޓަވިއު އެއްގައި ނޭމާގެ ބައްޕަ ސަންޓޯސް އެސް އާރު ބުނީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑުން ނެމާ ހޯދުމަށް ބިޑު ކުރި ކަމަށާއި އެހެންނަމަވެސް އެ ހުށަހެޅުން ބާސާއިން ގަބޫލުނުކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

"ބާސާއަށް އެ ހުށަހެޅުން ލިބުމާއެކު އަހަރެމެންނާ ހިއްސާކުރި އެވާހަކަ. އަދި އެ މީހުން ބުނި ނެމާ ނުވިއްކާނެ ކަމަށް. އެއީ ޔުނައިޓެޑް ގެ ހުށެހެޅުމެއް. ބާސާގެ ނެތް އަދި ނޭމާ ވިއްކާލުމުގެ ވިސްނުމެއް. ތިން އަހަރު އެބައޮތް އެގްރިމެންޓް މުއްދަތު ހަމަވާން ވެސް،" ނޭމާގެ ބައްޕަ ބުންޏެވެ.

އަހަރަކު 12 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށް، ބާސެލޯނާއާ އެކު ނޭމާ އިތުރު ފަސް އަހަރަށް ކޮންޓްރެކްޓް ހަދާގޮތަށް އެއްބަސްވެއްޖެ ކަމަށް މީޑިއާގައި ވަނީ މީގެ ކުރިން އަޑުފެތުރިފައެވެ.

ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ގައުމީ ޓީމްގެ ކެޕްޓަން ނޭމާ އެ ޓީމާ ގުޅުނީ 2013 ވަނަ އަހަރު 57.1 މިލިއަން ޕައުންޑަށެވެ. ނިމިދިޔަ ސީޒްންގައި ނޭމާ ވަނީ ބާސާއަށް 39 ގޯލް ކާމިޔާބުކޮށްދީ އެ ޓީމާ އެކީ ލަލީގާއާއި ޗެމްޕިއަންސް ލީގްގެ ތަށި އުފުލާލާފައެވެ.